ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހުނަވަރު ޕްރޮގްރާމްގެ ފުރަތަމަ ބެޗް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި ދެ ޕްރޮގްރާމް ނިމުމުގެ މުނާސަބަތުގައި ރޭ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމް ފުރިހަމަކުރި 54 ފަރާތަކަށް ވަނީ ސެޓްފިކެޓް ދޫކޮށްފަ އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއޭސީއެލް ފަދަ ގިނަ ދާއިރާތަކަށް މީހުން ބޭނުންވާ ކުންފުންޏަކަށް މިފަދަ ޕްރޮގްރާމްތަކަކީ މުހިންމު ޕްރޮގްރާމްތަކެއްކަމަށް މިނިސްޓަރު އިބްރާހިމް ވަހީދު ފާހަގަކުރެއްވި އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވި ގޮތުގައި، ހުނަވަރު ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަދި ޚާއްޞަކޮށް ޤައުމު ބިނާކުރުމަށް ގިނަ ދާއިރާތަކުން ވަނީ ފުރުސަތު ހުޅުވާލެވިފަ އެވެ. އަދި މި ހަފުތާގެ ތެރޭގައި އާ ބެޗެއްގެ އިޢުލާން ކުރެވި، މިހާރަށްވުރެ ގިނަ ފުރުސަތުތަކެއް ހުޅުވާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”ދާލަން“ އެކްސްޕޯގެ ތެރެއިން ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވި 25 ޒުވާނުންގެ ތެރެއިން 17 ފަރާތަކަށް ވަނީ 6 މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އެމްއޭސީއެލްގައި ވަޒީފާ ލިބިފަ އެވެ. މީގެއިތުރުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްއޭސީއެލްގެ 34 މުވައްޒަފަކު ވަނީ ޤައުމީ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދު ހާސިލުކޮށްފަ އެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް، ވަޒީފާދޭ ފަރާތްތަކާއި ތަޢުލީމީ މުއައްސަސާތައް ގުޅުވައިދިނުމަށް ޔޫތް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެމްއޭސީއެލް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް