ރާއްޖެއަށް އަންނަ ސްރީ ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއީ ލަންކާއަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭތީ، އެއް ހަމަ އުސޫލަކުން އަމަލުކުރުމަށްޓަކައި ނިންމި ނިންމުމެކެވެ. މިގޮތުން ރާއްޖެއަށް އަންނަ ލަންކާ ރައްޔިތުންނަށް ވެސް ހަމަ އެ މުއްދަތާ ހަމައަށް އޮން އެރައިވަލް ވިސާ ދެވޭނެއެވެ.
އިމިގްރޭޝަނުން ބުނީ މިއީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.
މީގެއިތުރުން، ލަންކާގެ ރައީސްގެ ދަތުރުފުޅާ ގުޅިގެން އިތުރު ލުއިތަކެއް ވެސް ވަނީ ހަމަޖައްސާފައެވެ. މިގޮތުން ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ލަންކާގައި ބޭސްފަރުވާ ކުރާ ދިވެހިންނަށް އެއް އަހަރު ދުވަހާ ހަމައަށް ވިސާ ދޭން ނިންމާފައިވާކަން ވެސް އެ ގައުމުން ވަނީ ހާމަކޮށްފަ އެވެ.
