އަސްކޮއިން ލަނޑުދިން އުމްރާވެރިން، އެ މައުލޫމާތު ރިޕޯޓްކުރަން ފުލުހުން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑުން މީހުން އުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު އިންތިޒާމު ހަމަޖައްސައި ނުދިން ފަރާތްތަކުން އެކަން ފުލުހުންނަށް ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފި އެވެ.

މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، ފައިސާ ދެއްކުމަށްފަހު، ފުރުމަށް ހަފްތާއެއްވެފައި ވަނިކޮށް އުމްރާއަށް ނުދެވޭނެކަމަށް އެ ގްރޫޕުން ވަނީ އަންގާފަ އެވެ. އަދި އޭގެ ކުރިން އުމްރާއަށް ދެވޭނެ ކަމުގެ ޔަޤީންކަން ދީ، ފުރަން މާލެ އައުމަށްވެސް ރަށްރަށުގައި ތިބި ފަރާތްތަކަށް އެ ގްރޫޕުން ވަނީ ދަޢުވަތު ދީފަ އެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފަ އެވެ. އަދި އެކަމާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، މި މައްސަލައިގައި ޤަވާޢިދާ އެއްގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި މީގެ ކުރިން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި އެ ގްރޫޕާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން، އެ ގްރޫޕް ވަނީ 130,000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ފުލުހުންގެ ފަރާތުން އެދިވަޑައިގެންފައިވަނީ، މިފަދަ މައްސަލައެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ، އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048 އަށް ގުޅައި، ނުވަތަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށެވެ.

އުމްރާ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ