ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ، ޤާނޫނުއަސާސީގައި ތަޅުލެވިފައިހުރި މާއްދާތައް ހުޅުވުމަށް މުހިންމު ބިލެއް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މި ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މި ބިލަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވަރަށް ތާރީހީ ބިލެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުންގެ ސީދާ ބަހެއް ހޯދުމަށް އޮންނަ ހަމައެކަނި ގޮތަކީ ފެންނަ ނުފެންނަ ވޯޓެއްނެގުން ކަމަށެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ޤާނޫނުއަސާސީގެ ބައެއް މާއްދާތައް ހުރީ ތަޅުލެވިފައިވާކަމަށެވެ.
”އަސާސީ ހައްގުތަކުގެ ބާބުގައި ހިމެނޭ ބައެއް މާއްދާތަކާއި، އާންމުންގެ ދިރިއުޅުމާ ގުޅޭ ވަރަށް ގިނަ ކަންތައްތައް ބިނާވެފައި މިވަނީ ގާނޫނުއަސާސީގައި ތަޅުލެވިފައިވާ މާއްދާއާ. އެ މާއްދާތައް ހުޅުވުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ.“ ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، މި ބިލަކީ އެ ކަމަށް މަގުފަހިވާ ބިލު ކަމަށްވާތީ މިއީ ބަރުލަމާނީ ހަޔާތުގައި ވަރަށް މުހިންމު ބިލެއް ކަމަށެވެ. މިފަދަ މުހިންމު ކަންކަން ކުރުމަށް ތައްޔާރުވާއިރު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކަންކުރަމުން އަންނަގޮތަށް ބަލަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން އޮސްޓްރޭލިއާ، ނިއުޒިލެންޑް އަދި އިނގިރޭސިވިލާތުފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަކީ އާންމުކޮށް ކުރާ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ފެނޭތޯ ރައްޔިތުންގެ ވޯޓަކަށް ދިއުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެގޮތަށް އިންތިހާބުތައް އެއްކޮށްލާފައިވާ ގައުމުތަކުގައި އަމަލުކުރަމުންދާގޮތްވެސް ބެލުން ރަނގަޅު ކަމަށެވެ.
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.
ސަރުކާރުން މި ބިލު ހުށަހަޅާ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އެ ވޯޓު ނެގުމާގުޅޭ އެންމެހައި އުސޫލުތައް ޤާނޫނެއްގައި ބަޔާންކުރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މ. ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް
