އިއްޔެ ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ކަޕްގައި ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ފެށުނީއްސުރެ މޮޅަށް ކުޅުނީ ގައުމީ ޓީމުންނެވެ. ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިފައިވާއިރު، ރާއްޖެއިން ވަނީ 25-18 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
ފުރަތަމަ ސެޓު ކާމިޔާބު ކުރުމާއެކު ރާއްޖެއިން ވަނީ ދެވަނަ ސެޓުގައި އިތުރަށް ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، ބަންގްލަދޭޝް ޓީމުގެ ގިނަ ހަމަލާތައް ހުއްޓުވައި، ބޮޑު ލީޑެއް ނަގާފައިވެ އެވެ. ރާއްޖެއިން ދެވަނަ ސެޓު ކާމިޔާބުކުރީ 25-12 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ފުރަތަމަ ދެ ސެޓަކޭ އެއްގޮތަށް ތިންވަނަ ސެޓުގައިވެސް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ގައުމީ ޓީމުން ތިންވަނަ ސެޓު ކާމިޔާބުކުރީ 25-16 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ރާއްޖެ މިވަގުތު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ އިއްޔެ ސީދާ ތިން ސެޓުން އަފްގާނިސްތާން އަތުން މޮޅުވި ކިރްގިސްތާން އެވެ.
މުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މިރޭ ނިކުންނާނީ އަފްގާނިސްތާން އާ ދެކޮޅަށެވެ.


