ފީފާ ކްލަބް ވޯލްޑް ކަޕުގެ ގަދަ 16 ބުރުގައި ރޭ 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން ބަލިކޮށް، ބްރެޒިލްގެ ފްލުމިނެންސޭ ގަދަ 16 ބުރަށް ދަތުރުކޮށްފިއެވެ.
ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޖާމަން ކެނޯ ވަނީ ލަނޑެއް ޖަހައި ފްލުމިނެންސޭ އަށް ކުރިހޯދަދީފައެވެ. މެޗުގެ ކުރީކޮޅު ލަނޑެއް ޖެހުމާއެކު އެ ޓީމަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ.
ރޭގެ މެޗުގައި އިންޓަގެ ކެޕްޓަން، ލައުޓާރޯ މާޓިނޭޒަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އޭގެތެރެއިން އެއް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެއިތުރުން، އެ ޓީމަށް ލިބުނު ހިލޭ ޖެހުންތަކުްނ ފެޑެރިކޯ ޑިމާކޯ ވެސް ވަނީ ގޯލަށް ނުރައްކާކޮށްފައެވެ.
ރޭގެ މެޗު ކުޅުނު ބޭންކް އެމެރިކާ ސްޓޭޑިއަމްގައި 74،867 މީހުނަށް ޖާގަ އޮތް ނަމަވެސް، މެޗު ބަލަން ގޮސް ތިބީ އެންމެ 20،030 ސަޕޯޓަރުންނެވެ.
ފްލުމިނެންސޭގެ އިތުރުން ބްރެޒިލްގެ ޕަލްމެއިރަސް އިންވެސް ވަނީ ކުއާޓާ ފައިނަލްގެ ޖާގަ ހޯދާފައެވެ. ކުއާޓާގައި ފްލުމިނެންސޭ ނިކުންނާނީ އަލް ހިލާލް އާ ދެކޮޅަށެވެ. އަލް ހިލާލުން ވަނީ ރޭ މެންޗެސްޓާ ސިޓީ ކަޓުވާލާފައެވެ.
