ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖިއޭ) އިން ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ، ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އަދި ކައުންސިލް މެންބަރުންނަށް ފިޔަވަޅު އަޅައިފި އެވެ.
އެލްޖީއޭއިން ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ، އެ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދިޔަ އިންކުއަރީއަކަށްފަހު އެވެ. މި އިންކުއަރީގައި އެލްޖީއޭއިން ވަނީ ކައުންސިލް މެންބަރުންނާއި މުވައްޒަފުންގެ ބަޔާންތައް ނަގައި، ލިޔުންތައްވެސް ދިރާސާކޮށްފަ އެވެ.
މި އިންކުއަރީއަށްފަހު ތިނަދޫ މޭޔަރު ސައުދު އަލީ ސަސްޕެންޑް ކޮށްފައިވަނީ މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސްދުވަހުގެ މުއްދަތަށެވެ. އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑްކޮށްފައިވަނީ މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް މަސްދުވަހަށެވެ. އަދި ކައުންސިލްހގެ ދެންތިބި މެންބަރުންނަށް ނަސޭހަތްތެރިވުމަށްފަހު، އެ މެންބަރުން މުސާރައިގެ ގޮތުގައި އިތުރަށް ނަގާފައިވާ ފައިސާ ދެ މަސްތެރޭގައި އަނބުރާ ދެއްކުމަށް އަންގާފައިވެ އެވެ.
ތިނަދޫ ސިޓީ ކައުންސިލާއި ދެކޮޅަށް އެލްޖީއޭއިން ބެލި މައްސަލަތަކުގެ ތެރޭގައި، ތިނަދޫގެ ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5000ރ ގެ ފީއެއް ނަގާ މައްސަލައާއި، އެ ފީ ނުނެގުމަށް އެލްޖީއޭއިން އެނގުމުން އެކަމަށް އަމަލުނުކުރި މައްސަލައާއި، ހޯދުމަށްއެދޭ މައުލޫމާތު ނުފޮނުވާ މައްސަލައާއި، ހުއްދަނެތި ބިޑް ކޮމިޓީއާއި ބިޑް އިވެލުއޭޝަން ކޮމިޓީއަށް އެލަވެންސް ދިން މައްސަލައާއި، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ އިތުރުން ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުން ހިމެނެ އެވެ.
މީގެއިތުރުން މޮނިއުމެންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި އެކައުންޓަކަށް ޖަމާކުރުމާއި، ސިޓީއެއްގެ ދަރަޖަ ތިނަދޫއަށް ދީފައިވީނަމަވެސް ސިޓީ ކައުންސިލެއް އުފައްދާފައިނުވިޔަސް، ސިޓީ ކައުންސިލެއްގައި ލިބޭ މުސާރައާއި އިނާޔަތްތައް މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި މެންބަރުން ނަގާފައިވާ މައްސަލަވެސް ފާހަގަކޮށްފައިވެ އެވެ.
ތިނަދޫ ސިޓީ ކައުންސިލް ތިނަދޫގެ މޭޔަރު ސައުދު އަލީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)



