ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ހައްޔަރުކޮށް ބަންދުކުރި މައްސަލައިގައި، ސުޕްރީމް ކޯޓުން ވެސް ޝަމްއާންއަށް ނާކާމިޔާބު ވެއްޖެ އެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފައިވެ އެވެ. މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ޝަމްއާން ހައްޔަރުކުރިއިރު އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ. އޭގެފަހުން ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރުމަށް އަމުރުކުރި އެވެ. މި މައްސަލައިގައި ޝަމްއާންގެ މައްޗަށް މިހާރު ވަނީ ދައުވާވެސް ކޮށްފަ އެވެ.
ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އޭނާ ހައްޔަރުކޮށް ބަންދަށް ފުރަތަމަ 15 ދުވަސް ޖެހި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމާއި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމެމެވެ.
މި ދެ މައްސަލަ ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އަޣުލަބިއްޔަތު ރައުޔުން ހުކުމް ކޮށްފައިވަނީ، މި މައްސަލައިގައި ޝަމްއާން ބަންދުން ދޫނުކުރަން ހައިކޯޓުން ނިންމި ނިންމުމަށް ތާއީދު ކުރުމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.
މި މައްސަލައިގައި ޝަމްއާން ހިމެނޭހެން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. ޝަމްއާންގެ މައްޗަށް މި މައްސަލައިގައި ކޮށްފައިވަނީ، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
