އިސްރާއިލާއީ އިރާނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން، ހާލަތު ހަމައަކަށް އެޅެންދެން އިރާންގެ ހައްޖުވެރިން ސައުދީގައި ބޭތިއްބުމަށް ސައުދީއަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ނިންމަވައިފި އެވެ.
ސައުދީގެ ޕްރެސް އެޖެންސީއިން ބުނެފައިވަނީ، ސައުދީއަރަބިއްޔާގެ ވަލީއަޙުދު މުހައްމަދު ބިން ސަލްމާންގެ ލަފާފުޅުގެ މަތިން، އީރާނުގައި މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، އިރާނުން ހައްޖަށް ދިޔަ 86،700 މީހުން ސައުދީގައި ބޭތިއްބުމަށް ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ނިންމަވާފައިވާ ކަމަށެވެ.
މީގެއިތުރުން އީރާނުގެ ހައްޖުވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ފަސޭހަކޮށްދިނުމަށާއި، އެ ހައްޖުވެރިން އަމާންކަމާއެކު އެނބުރި ދެވޭނެ ހާލަތު އަންނަންދެން އެމީހުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވެސް ސައުދީ ރަސްގެފާނު އަމުރުކުރައްވާފައިވެ އެވެ.
އިޒްރޭލުން އިރާނަށް ހަމަލާދީފައިވަނީ ބްރާފްސަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އެ ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ އިސްވެރިންތަކެއް އަވާހާރަކޮށްލާފައިވެ އެވެ. އަދި އާންމުން ދިރިއުޅޭ ތަންތަނަށް ދިން ހަމަލާތަކެއްގައި އާންމުންގެ ތެރެއިން ބަޔަކުވެސް މަރުވެފައިވެ އެވެ.
އިޒްރޭލުގެ މި ހަމަލާތަކުގެ ރައްދުގައި އިރާނުން ރޭ ވަނީ އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެގޮތުން އިރާންގެ މިސައިލް ހަމަލާތައް ވަނީ އިޒްރޭލުގެ ތެލެވީވްގެ އެކި ހިސާބުތަކަށް އަރާފަ އެވެ.
ހައްޖު އިރާން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް