ދައުލަތުން ރިޒާވްކުރާ ހައްޖު ކޯޓާގެ އަދަދު މަދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރުން ވަނީ ހައްޖު ކޯޓާ ބޭނުންކުރާ ކޮތާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކޮށްފަ އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ހައްޖަށް ގެންދަނީ ކިޔޫގެ ތަރުތީބުން ކަމަށާއި ކިޔުއަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
ހައްޖު ކޯޓާގެ ތެރެއިން ދައުލަތުން ރިޔާޒްކުރާ ބައެއް ހިމެނޭކަން ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށް އުޒުވެރިން އަދި ހާއްސަ ހަލާތްދިމާވެފައިވާ ފަރާތްތަކުގެ ބޭނުމަށް އަދި ބަލި މީހުންގެ އެހީތެރިންނަށްވެސް ހައްޖު ކޯޓާގެ ތެރެއިން ޖާގަދޭނެ ކަމަށެވެ.
އެހެންނަމަވެސް ދައުލަތުން ރިޒާވްކުރާ ކޯޓާގެ އަދަދު މަދުކުރުމަށް ރައީސް މުއިއްޒު މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރިޒާވްކުރެވޭ ކޯޓާ ހަވާލުކުރަނީ އޮންނަ ގަވައިދާ އުސޫލުތަކުގެ ތެރެއިން ކަމަށާއި ނުހައްގުން އެއްވެސް މީހަކަށް ކޯޓާ ނުދޭ ކަމުގެ ޔަގީންކަން އަރުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، މިދިޔަ ހައްޖުގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ދިއުމަށް 50 މީހުންނަށް ފުރުސަތު ދިންކަމަށާއި 75 އަހަރުން މަތީގެ މީހުންނަށް އެހީތެރިންގެ ގޮތުގައި 44 މީހުން ގެންދިއުމުގެ ފުރުސަތު ދިން ކަމަށެވެ. އަދި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށްވެސް 100 ޖާގަ ދެވުނުކަން ފާހަގަކުރެއްވި އެވެ.
ހައްޖު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު


