2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޕެރެގުއޭއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.
މިއީ ފަސް ފަހަރު މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް، މި މުބާރާތުގައި ބައިވެރިވާ 23 ވަނަ ފަހަރެވެ.
ބްރެޒިލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި، އެ ޓީމަށް ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއާ އެވެ. މި ގޯލު އޭނާ ޖެހީ މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަ އިރުކޮޅެއް އޮއްވަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބްރެޒިލްއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ. އެގޮތުން އެ ޓީމުން ވަނީ ޖުމުލަ 11 ހަމަލާއެއް އިދިކޮޅު ގޯލަށް ފޮނުވާލާފަ އެވެ. އޭގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ 4 ހަމަލާއެކެވެ.
ވޯލްޑް ކަޕް ކޮލިފައިންގ ގައި ދެކުނު އެމެރިކާ ސަރަހައްދުން 10 ގައުމެއް ވާދަ ކުރާއިރު މި 10 ގައުމުގެ ދެމެދުގައި 18 މެޗު ކުޅޭނެ އެވެ. މިހާތަނަށް ހުރިހާ ޓީމަކުންވެސް 16 މެޗު ކުޅެފައިވާއިރު ބާކީ ކޮންމެ ޓީމަކަށްވެސް އޮތީ 2 މެޗެވެ. ދެކުނު އެމެރިކާ ސަރަހައްދުން މިހާތަނަށް 3 ޓީމަކުން ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. އެއީ ގްރޫޕުގެ 1 ވަނައިގައި އޮތް އާޖެންޓީނާއާއި ދެވަނައިގައި އޮތް އެކުއެޑޯގެ އިތުރުން ބްރެޒިލް އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ބްރެޒިލް ޓީމަކީ ވޯލްޑް ކަޕު ބާއްވަން ފެށި ފަހުން ކޮންމެ ވޯލްޑް ކަޕަކަށްވެސް ކޮލިފައިވާ ހަމަ އެކަނި ޓީމު ކަމެވެ.
