ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް 14 އަހަރުން ފެށިގެން ތަމްރީން ދޭން ވަނީ ފަށާފަ: ވަޒީރު ޝިހާމް

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަކީ މުޖުތަމަޢުއަށް ބޭނުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި، 14 އަހަރުން ފެށިގެން އެކި ދާއިރާތަކުން ތަމްރީނު ދޭން ފަށާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 160 އަށްވުރެ ގިނަ ކުދިން އެބަ ތިއްބެވެ. އަދި މި ކުދިންނަކީ މުޖުތަމަޢަށް ޚިދުމަތްތެރި، މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި އެކުދިންނަށް ބޭނުންވާ ތަމްރީނުތަކާއި ހުނަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރެއިން، ”އެމްޕަވަރމަންޓް އެންޑް އެމްޕްލޯއިމަންޓް“ ގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ޤާއިމްކޮށް، އެ ޑިޕާޓްމަންޓުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ކުދިންގެ އުމުރުން 14 އަހަރުވުމުން، އެ ކުދިން ޝައުޤުވެރިވާ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވެ އެވެ. މިގޮތުން ވޯޓަރ ސްޕޯޓްސް އަދި ޑައިވިންގ ފަދަ ދާއިރާތަކުން ކުދިންނަށް ތަމްރީނު ދެވި، 18 އަހަރު ވުމުގެ ކުރިން އެ ދާއިރާތަކުން ސެޓްފިކެޓް ހޯދޭނެ މަގު ތަނަވަސްކޮށްދެވެ އެވެ.

”ކޮންމެ ކުއްޖަކަށް ޢާއިލާއެއް“ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 75 ކުއްޖަކު ޢާއިލާތަކާ ޙަވާލުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ. އަދި މި ކުދިން ޙަވާލުކުރެވޭ ޢާއިލާތަކާއެކު ވެސް ވުޒާރާގެ ފަރާތުން ގާތުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ