ރާއްޖޭގެ ވޯޓާއެކު އައިއެލްއޯގެ އޮބްޒަވަރ ޤައުމަކަށް ފަލަސްޠީނަށް

Advertisement

އެންމެ ފަސް

Advertisement

އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައި ފަލަސްޠީން އިންތިހާބުކޮށް، ބަލައިގެންފި އެވެ.

މިގޮތަށް ފާސްވެފައިވަނީ 113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި ނެގުނު ވޯޓަކުން، 386 މެންބަރުންގެ ތާއީދާއެކުގަ އެވެ. މި ވޯޓުގައި ދެކޮޅަށް ލިބިފައިވަނީ އެންމެ 15 ވޯޓެވެ.

ޖެނީވާގައި މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ކޮންފަރެންސްގައި މި ތާރީޚީ ނިންމުން ނިންމާފައިވާއިރު، މިއީ ބައިނަލްއަޤްވާމީ މަސައްކަތުގެ ބާޒާރުގައި ފަލަސްޠީނު މަސައްކަތްތެރިންގެ ހައްޤުތައް ކުރިއެރުވުމަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ. މި ސެޝަން ކުރިއަށްދާނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދު ވަނީ ފަލަސްޠީނުގެ ވަފުދާ ބައްދަލުކުރައްވައި، ”ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ހައްޤުގައި“ ކަމުގައި ވިދާޅުވެފަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ބުނެފައިވާ ގޮތުގައި، މި ތާރީޚީ ނިންމުން ފާސްވުމުގައި ރާއްޖެއިން ފަލަސްޠީނާއެކު ތިބިތިބުމާމެދު ދިވެހި ސަރުކާރުގެ ވަފުދު ފަޚުރުވެރިވެ އެވެ. އަދި މިއީ ބައިނަލްއަޤްވާމީ ލޭބަރ ކޮމިއުނިޓީން ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ހާސިލްވެގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ - ފަލަސްތީން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ