މި އަހަރުގެ އަޝްހާ އީދު ދުވަހާ ގުޅުވައި، މާލެ ސަރަހައްދުގެ މަގުތަކުގައި މިއަދު ހަވީރު ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކުރިނަމަވެސް، ހުޅުމާލޭގައި ވެހިކަލް ދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ސިޓީ ކައުންސިލްގެ ނިންމުން ބާތިލްކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައިވަނީ މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާވާނީ މާލެ ސަރަހައްދުން، މާލެ އަދި ވިލިމާލޭގެ މަގުތަކުގައި އެކަނި ކަމަށެވެ. އަދި ވެހިކަލް ދުއްވުން މަނާވާނީ މިއަދު ހަވީރު 16:00 އިން 18:00 އަށް ކަމަށްވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.
ނަމަވެސް މި މުއްދަތުގައިވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، އެމްބިއުލެންސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތްތަކާއި، އަދި ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެ އެވެ. އަދި އެ ވަގުތު ވެހިކަލް ދުއްވާ ފަރާތްތައް ޖޫރިމަނާކުރުމަށްވެސް ފުލުހުންނަށް އަންގާފައިވެ އެވެ.
ބުދަ ދުވަހު ސިޓީ ކައުންސިލުން ނިންމި ނިންމުމުގައިވާގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހާ މަގެއްގައިވެސް ވެހިކަލް ދުއްވުން މަނާވާނެ އެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި ހުޅުމާލެވެސް ހިމެނެ އެވެ. ނަމަވެސް ހުޅުމާލެއަކީ އެޗްޑީސީގެ މިލްކެކެވެ.
ޢީދު ދުވަހު މިފަދަ ފިޔަވަޅެއް އަޅަނީ އާންމު ރައްޔިތުންނަށް މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ފަސޭހަކުރުމަށާއި، ޢީދު ފާހަގަކުރުމުގެ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.
އަޟްހާ އީދު މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
