އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ ދަތުރުކުރުމުގައި ސަމާލުވާން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

އަވަށްތެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުން ދާތީ، މި ބަންދު ތެރޭގައި ދަތުރުކުރާއިރު ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

އީދު ބަންދާއެކު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ ކައިރި ގައުމުތަކަށް ދާއިރު މަދިރި ހެފުމުން ރައްކާތެރިވުމަށް އެދިފަ އެވެ.

ޗިކުންގުންޔާއިން ރައްކާތެރިވުމަށް:

  •  މަދިރި ސްޕްރޭ ބޭނުންކުރުން
  •  ހަށިގަނޑު ވީހާ ވެސް ބޮޑަށް ނިވާވާ ގޮތަށް ހެދުން ލުން
  •  މަދިރި ދާ ޖެހުން
  •  މަދިރި އާލާވާ، ފެން ހަރުލާފައި ހުންނަ ފެން ފަދަ ތަންތަން ނައްތާލުން
  •  މަދިރި ފަނި ނައްތާލަން ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުންކުރުން

އެޗްޕީއޭއިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވާނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑީސް މަދިރި އާއްމުކޮށް މީހުންގެ ގައިގައި ހަފަނީ ދުވާލު ގަޑީގަ އެވެ.

އިއްޔެ އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުގައި ރާއްޖޭގައިވެސް އަންނަނީ ހުމާއި، ރޯގާ އަދި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ހެލްތް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި އެކަނިވެސް ކޮވިޑް ޖެހިގެން 13 މީހުން ޕޮޒިޓިވްވެފައިވާއިރު، ވޭތުވެދިޔަ ހަތަރު ހަފްތާގައި 48 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ.

އެ ތަފާސްހިސާބުތަައް ދައްކާގޮތުން ކޮވިޑާއެކުއެކީގައި ރާއްޖޭގައި ހަލުވިކަމާއެކު އިންފްލުއެންޒާގެ ކޭސްތައްވެސް އަންނަނީ ފެންނަމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންފްލުއެންޒާގެ 128 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި އަރިދަފުސް ރޯގާގެ 156،962 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިހާރު އެންމެ ގިނައިން ފެތުރެމުންދަނީ އިންފްލުއެންޒާ އާއި ކޮވިޑެވެ.

އަރިދަފުސް ރޯގާ އިތުރުވެއްޖެ

މިނިސްޓްރީން ފާހަގަކުރިގޮތުގައި މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު 2024 ވަނަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު އިތުރުވެފައިވެ އެވެ. މިދިޔަ އަހަރުގެ މި ދުވަސްވަރު އަރިދަފުސްގެ 4،794 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު މި އަހަރު ރިޕޯޓްކޮށްފައިވަނީ 8،157 ވޭދަނަ އެވެ.

ޑެންގީ ހުމުގެ ހާލަތު ރަނގަޅު

ނަމަވެސް މި އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު 2024 ވަނަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު ދަށްވެފައިވެ އެވެ. 2024 ވަނަ އަހަރުގެ މެއި މަހު ޑެންގޫގެ 675 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު މި އަހަރު މެއިގައި ރިޕޯޓްކޮށްފައިވަނީ 116 ވޭދަނަ އެވެ. ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ، ކ އަދި އއ އަތޮޅުންނެވެ.

މި ހާލަތާ ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ، ރޯގާތަކާއި އެކި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަޟްހާ އީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ