2017 ވަނަ އަހަރު މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައިކޯޓުން ނިންމި މައްސަލައިގައި އިސްތިއުނާފު ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށައިފި އެވެ.
އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2024 ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 2024 މޭ 16 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން ހައިކޯޓުގައި އެދުމުން މާޗް 10 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ މީހުން ބަންދުނުކުރުމަށް ނިންމާފަ އެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އޭޕްރިލް 28 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ، ހައިކޯޓުން އެމީހުން ބަންދު ނުކުރުމަށް ނިންމާފައިވަނި ޤާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުން ބާތިލުކޮށް އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު އަލުންގޮތެއް ނިންމުމަށް މައްސަލަ ހައިކޯޓަށް ތަހުވީލު ކޮށްފައިވެ އެވެ. ނަމަވެސް ހައިކޯޓުން މޭ 21 ވަނަ ދުވަހު ނިންމާފައިވަނީ އެ މީހުން ބަންދު ނުކުރުމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި އިއްޔެ ފަށާފައިވާއިރު، އިއްޔެގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވާހަކަ ދައްކަވަމުން ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދު ކުރަންޖެހޭތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ ނިންމުމާއި ޤާނޫނާއި އިދިކީލަކޮށް ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ މީހަކު ބަންދުން ދޫކުރުމަކީ ފަނޑިޔާރަށް އޮންނާނެ އިޚްތިޔާރެއް ކަމުގައި ނުދެކޭ ކަމަށެވެ. އެހެންކަމުން މި މީހުން ބަންދު ނުކުރަން ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، މުޖުތަމައުގެ ރައްކަލަށްޓަކައި މި ހަތް މީހުން ޝަރީއަތް ނިމެންދެން ބައްދުކޮށްދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
އިއްޔެގެ އަޑުއެހުމަށް ވަކީލަކާއެކު ހާޒިރުވީ ހަސަން މަހްފޫޒް އެކަންޏެވެ. އޭނާގެ ޤާނޫނީ ވަކީލް އަބްދުﷲ ހަސީން ޝަރީއަތުގައި އެދުނީ، މައްސަލައިގައި ލިޔެކިޔުންތައް ނުލިބޭތީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދެއްވުމަށެވެ. މައްސަލައިގައި ހިމެނޭ މުހައްމަދު ޝާޒް އަދި އަހުމަދު ޒަޔާންގެ ފަރާތުން ބުނެފައިވަނީ، ދައުލަތުން ދެއްކި ވާހަކަތަކަށް ރައްދުގެ ގޮތުގައި ބުނާނޭ އެއްޗެއް ނެތް ކަމަށެވެ. މި ދެމީހުން އިއްޔެގެ އަޑުއެހުމަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. މައްސަލައިގައި ދެން ހިމެނޭ މީހުން ބުނެފައިވަނީ، ވަކީލަކާއިއެކު ޖަވާބުދާރީވާން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެ މީހުންނަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތުދީ، އިތުރު އަޑުއެހުމެއް ބާއްވާނެކަން ހާމަކުރެއްވުމަށްފަހު އިއްޔެގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.
އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާން އަދި މ. ދިމިޝްގު، އުޘްމާން ޝަރީފްގެ މައްޗަށެވެ. މި މައްސަލައިގައި، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.