ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާބަން ފާމިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ އިފްތިތާހުކޮށްފި އެވެ.
މި ޕްލާޒާ ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫއަކީ ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ހިންގާ ”ކޮމިއުނިޓީ އާބަން ފާމިން“ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ”ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް“ (ސީޑްސް) މަޝްރޫއުގެ ބައެކެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ތަމްރީން ފޯރުކޮށްދިނުމެވެ. އަދި އެ މީހުން އުފައްދާ ބާވަތްތައް ވިއްކައި، ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.
މަޝްރޫއުގެ ދަށުން މިހާތަނަށް 84 ދަނޑުވެރިން ތަމްރީނުކޮށް، އެ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ. މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ.
އެޗްޑީސީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ދޫކޮށްފައިވެއެވެ. މީގެ އިތުރުން، ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ވިއްކުމަށް ފަސޭހަވާނެ ގޮތަށް 28 ޕޮޕް އަޕް މާކެޓް ސްޓޯލްވެސް ގާއިމްކޮށްފައިވެއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ