ސްޕޯޓްސް މިނިސްޓްރީން 2018 އިން 2023 އަށް މާލިއްޔަތު ގަވައިދާ ހިލާފަށް އެތައްކަމެއް

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޮތް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީން 2018 ވަނަ އަހަރުން 2023 ގެ ނިޔަލަށް މާލިއްޔަތު ގަވައިދާ ހިލާފަށް އެތައްކަމެއް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ވަނީ އެ މިނިސްޓްރީގެ ބޮޑެތި އިހުމާލިތަކެއް ފާހަގަ ކޮށްފަ އެވެ. މި މުއްދަތުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ މިނިސްޓަރުގެ މަގާމުގައި ހުންނެވީ އަހުމަދު މަހުލޫފެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2018 އިން 2023 އަށް އެ ސްޕޯޓްސް މިނިސްޓްރީން 576 މަޝްރޫއެއް ހިންގާފައިވާ ކަމަށެވެ. މި މަޝްރޫއުތަކަަށް 1.05 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މި މަޝްރޫއުތަކާ ގުޅޭ އެންމެހާ ކަންކަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައިނުވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން މި މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ ފުރިހަމަ ޑޭޓާބޭސް އެއް އެކުލަވާލާފައިނުވާ މައްސަލައާއި މަޝްރޫއުތަކާ ގުޅޭ ބައެއް މުހިންމު ލިޔެކިޔުން ފައިލްކޮށް ބަލަހައިޓާފައިނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެއް މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދެވިދާނެ މަސައްކަތްތައް ބައިބައިކޮށްގެން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މިގޮތަށް އަމަލުކޮށްފައިވަނީ، މަސައްކަތްތައް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމުގެ ބަދަލުގައި މިނިސްޓްރީގެ ބިޑް ކޮމިޓީ މެދުވެރިކޮށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް ބެލެވޭ ކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީގެ އޮޑިޓްގައި ބުނެފައިވަނީ، ބައެއް މަޝްރޫއުތަކުގެ ހަރަދުތައް ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރިކޯޑުކޮށްފައިވަނީ މަޝްރޫއަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓް ކޯޑު ނޫން އެހެން ކޯޑެއްގައި ކަމަށެވެ. އެގޮތުން ރަނގަޅު ނޫން ކޯޑެއްގައި ޖުމުލަ 7 މަޝްރޫއެއް ރިކޯޑުކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މަޝްރޫއުތަކުގެ އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވުމުން ވޭރިއޭޝަންގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހިފައިވާކަން އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޮޑިޓް ސާމްޕަންލްގެ ގޮތުގައި ބެލި 129 މަޝްރޫއުގެ ތެރެއިން 19 މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވޭ ފަރާތާ ދެމެދު ވެވޭ އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވާ ކަމަށާއި އަދި މިކަމުގެ ސަބަބުން އެއްބަސްވެފައިވާ އަގަށް ވޭރިއޭޝަންގެ ގޮތުގައި 10.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެއިތުރުން ހަރުމުދަލުގެ ރަޖިސްޓްރީީގައި ބައެއް ހަރުމުދާ ހިމަނާފައިނުވުމާއި ބައެއް ހަރުމުދާ ވީނުވީއެއް ނޭގި ގެއްލިފައިވާކަންވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޮޑިޓް ސާމްޕަލުގެ ގޮތުގައި ބެލި ތަކެތީގެ ތެރެއިން 2022 އަދި 2021 ވަނަ އަހަރު ހަރުމުދަތުގެ ރަޖިސްޓްރީގައި ހިމަނާފައި ނުވާ ހަރުމުދަލުގެ ޖުމުލަ އަގު 9،418،535 ރުފިޔާއަށްއަރަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުން 2023 ވަނަ އަހަރު މިނިސްޓްރީ ބަދަލުވެ ސްޕޯޓްސް މިނިސްޓްރީ އަދި ޔޫތް މިނިސްޓްރީ ދެ މިނިސްޓްރީއަކަށް ބެހިގެންދިއުމާއި ގުޅިގެން އައި ޓްރާންސިޝަން މުއްދަތުގައި މިނިސްޓްރީގެ އައިޓީ ޑިޕާޓްމެންޓްގެ ބައެއް ހަރުމުދާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން

61 ރަށެއްގެ އައުޓްޑޯ ޖިމްތައް އެޅުމަށް ބޭނުންވާ ޖިމް އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތް މާލިއްޔަތު ގަވައިދާ އެއްގޮތަށް ކުރިއަށްނުގެންގޮސް ސްޕޯޓްސް ކޯޕަރޭޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާކަން އޮޓިޑް ރިޕޯޓުގައި ފާހަގަކޮށް ބުނެފައިވަނީ މިގޮތަށް މި މަސައްކަތް ސްޕޯޓްސް ކޯޕަރޭޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުން މި މަސައްކަތަށް ހުށަހެޅުނު އަގަށްވުރެއް 1،097،606 ރުފިޔާ އިތުރަށް ހަރަދުކުރަންޖެހުނު ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކުޅިވަރު އެސޯސިއޭޝަންތަކަށް މިނިސްޓްރީން ދޫކޮށްފައިވާ ފައިސާ ހަރަދުކޮށްފައިވާގޮތުގެ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައިނުވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު 16 ކުޅިވަރު އެސޯސިއޭޝަނަކަށް 36.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މި ފައިސާ ހަރަދުކޮށްފައިވާގޮތް މިނިސްޓްރީން މޮނިޓާކޮށްފައިނުވާކަން އޮޑިޓްގައި ފާހަގަ ކޮށްފައިވެ އެވެ. ބައެއް އެސޯސިއޭޝަންތަކުން މިފައިސާ ޚަރަދުކޮށްފައިވާ ގޮތުގެ ބައެއް ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާއިރު ބައެއް އެސޯސިއޭޝަންތަކުން ޚަރަދުތަކާ ގުޅޭ ލިޔެކިޔުންތައް އޮޑިޓަރުން އެތައްފަހަރަކު އެދުމުން ވެސް ފޯރުކޮށްދީފައިނުވާކަން ފާހަގަ ކޮށްފައިވެ އެވެ.

އަހުމަދު މަހުލޫފް އޮޑިޓް ރިޕޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ