އިތުބާރު ނެތްކަމުގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނެތް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ 12 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
މިކަމާ ގުޅިގެން އައްބާސް ވިދާޅުވީި، މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ މައްސަލާގައި ބެލިބެލުންތަކާއި ހޯދި ހޯދުންތަކުން މިނިސްޓަރު އަމީން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނެތްކަމަށެވެ.
”އެހެންކަމުން ރައްޔިތުންގެ މަޖިލީސްއަށް މިއަދު ހުށައެޅިފައިވާ މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމަށް ބުނާ މައްސަލާގައި އަޅުގަނޑު ވޯޓު ދޭނީ މިނިސްޓަރު އަމީންގެ އިތުބާރު އޮތްކަމަށް.“ އައްބާސް ވިދާޅުވި އެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނި މިނިސްޓަރާ ސުވާލު ކުރުމަށް މެންބަރުންނަށް އެއް ގަޑިއިރުގެ ފުރުސަތެއް އަދި މިނިސްޓަރު ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ފުރުސަތެއް ދިނުމަށެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ މާލޭގެ އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން މިނިސްޓަރު އަމީނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. މިނިސްޓަރު އަމީނަށް ތުހުމަތުކޮށް އެކި ގޮތްގޮތަށް ސޯޝަލްމީޑިއާގައި ވާހަކަ ދައްކާފައިވާއިރު، މިނިސްޓަރު އަމީންގެ ފަރާތްޕުޅުންވަނީ ތުހުމަތުތަކަށް ރައްދުދެއްވައި ހަގީގަތް ހާމަކޮށްދެއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާއި އެކު ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން