ފަނޑިޔާރަކާއިމެދު މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށް ބަންދު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން، މި މައްސަލައިގެ ތުހުމަތުގައި 5 ދުވަހަށް ބަންދު ކޮށްފައިވަނީ ރ. އިނގުރައިދޫއަށް ނިސްބަތްވާ 49 އަހަރުގެ ފިރިހެނެކެވެ.
ބަންދު އަމުރުގައި ބުނެފައިވަނީ، މީނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ފަނޑިޔާރަކާމެދު މާރާމާރީ ހިންގުން ކަމަށެވެ. އަދި މީނާގެ ރެކޯޑަށް ބަލާއިރު މިއީ މީނާ އެ ފަނޑިޔާރާއި މެދު މާރާމާރީ ހިންގި ދެވަނަ ފަހަރުކަން އެނގޭ ކަމަށެވެ.
މީނާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ދީފައިވަނީ ވަކީލެއްގެ ފުރުސަތަށް މީނާ އެދިފައިވާތީ އެވެ. މީނާ ބަންދު ކުރުމަށް ނިންމާފައިވަނީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.


