އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީރިއާގެ ވަގުތީ ރައީސް އަހްމަދް އަލް-ޝަރާއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމުކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެއްޖެ އެވެ.
މިއީ 25 އަހަރުގެ މެދުކެނޑުމަކަށްފަހު އެމެރިކާގެ ރަައީސްއަކު، ސީރިއާގެ ރައީސްއަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރު އެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވުނު ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ”މި ކޮޓަރީގައި ތިއްބެވި ލީޑަރުންގެ އެހީތެރިކަމާއެކު، އަޅުގަނޑުމެން މިވަނީ ސީރިޔާގެ އައު ސަރުކާރާއެކު ގުޅުން އާދައިގެ ފެންވަރަކަށް ގެނައުމަށް މަސައްކަތްކުރަމުން“ ކަމަށެވެ. އަދި މިއީ އެ ގައުމަށް ”އައު ފެށުމެއް“ ދިނުމުގެ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
މި މުހިންމު ބައްދަލުވުމުގައި ޓްރަމްޕް ވަނީ އަލް-ޝަރާއާ ދެމެދު އެތައް މުހިންމު މަޝްވަރާތަކެއް ކުރައްވާފަ އެވެ. މީގެ ތެރޭގައި ”ޓެރަރިސްޓުން“ ގެ ގޮތުގައި ލޭބަލްކޮށްފައިވާ ބައެއް ފަލަސްތީނުން އަނބުރާ ފޮނުވާލުމާއި، އިސްރާއީލާއެކު އިބްރާހީމް އެއްބަސްވުމުގައި ސޮއިކުރުމާއި، އަދި ސީރިޔާގެ އުތުރު-އިރުމަތީގައި ހުރި އައިސިސް ބަންދު މަރުކަޒުތަކުގެ ޒިންމާ ނެގުން ހިމެނެ އެވެ.
މި ތާރީޚީ ބައްދަލުވުމާ ގުޅިގެން، ޔޫ.އެސް. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ތުރުކީގައި ސީރިޔާގެ ފޮރިން މިނިސްޓަރ އަސަދް އަލް-ޝައިބާނީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފަ އެވެ. އަދި މި ޕްލޭނާ ބެހޭގޮތުން ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަދި ތުރުކީގެ ރައީސް ރެސެޕް ޠައްޔިބް އަރްދޫއާންއާވެސް މަޝްވަރާކުރެވިފައިވެ އެވެ.
މި އިއުލާނު އައިސްފައިވަނީ ޑިސެމްބަރު މަހު ދިގު މުއްދަތެއް ވަންދެން ސީރިޔާގެ ރައީސްކަން ކުރެއްވި ބަޝާރު އަލް-އަސަދު ވެރިކަމުން ދުރުކުރެވި، އަލް-ޝަރާގެ ވަގުތީ ސަރުކާރު އުފެދުމަށްފަހުގަ އެވެ.



