ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާއީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”ބެޑްރިޑަން ޕްރޮގްރާމް“ މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމެވެ.
ސޯޝަލް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ތެރެއިން ދާނުގައި ތިބޭ އިސްރަށްވެހިންނަށް ޒިޔާރަތްކުރުމަށް ޚާއްސަ ދަރުމަވެރިންގެ ޓީމެއް އެކުލަވާލައި، އެ ޓީމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ވަނީ ހިންގާފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިން ގުޅިގެން، ދާންމަތިވެފައިވާ އިސްރަށްވެހިންގެ ގާތަށް ޒިޔާރަތްކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ދާންމަތިވެފައިވާ މީހުންގެ ގޭގެއަށް މަހަކު އެއްފަހަރު ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓްރީން ވިދާޅުވި ގޮތުގައި، ”މި ޕްރޮގްރާމްގެ ސަބަބުން ދާންމަތިވެފައިވާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ލިބެންޖެހޭ އިޖްތިމާއީ އެހީތެރިކަން ދެނެގަނެވި، ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ“ އެވެ.
މި ޕްރޮގްރާމަކީ އިސްރަށްވެހިންގެ ދުޅަހެޔޮ ދިރިއުޅުމަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ގިނަ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ. މީގެ ސަބަބުން އިސްރަށްވެހިންނަށް ބޭނުންވާ އިޖްތިމާއީ އެހީތެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް