ހުޅުމާލޭ ފޭސް 2 ގައި ކުރިއަށް ގެންދިޔަ ’ޙާލު ކިހިނެއް؟‘ ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ’ސަޕޯޓް ގްރޫޕްތައް‘ ހިންގަން ފަށައިފި އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ބައިވެރިންނާ ބައްދަލުކުރެއްވުމަށްފަހު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވި ގޮތުގައި، ’ޙާލު ކިހިނެއް؟‘ ޕްރޮގްރާމުގެ ދަށުން ގޭގެއަށް ކުރި ޒިޔާރަތްތަކުން، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބެލެހެއްޓުމުގައި ބެލެނިވެރިން ދުވާލުގެ ގިނަ ވަގުތުތަކެއް ހޭދަކުރާކަން ފާހަގަކުރެވުނެވެ. އަދި މީގެ ތެރޭގައި ގެއިން ބޭރަށް ނުނިކުމެ ހަފްތާތަކާއި މަސްތައް ހޭދަކުރާ ބެލެނިވެރިންވެސް ހިމެނެ އެވެ.
”މި ބެލެނިވެރިންނާ ވާހަކަދެއްކުމުން، އެ ބޭފުޅުންގެ ވާހަކަތައް އަޑުއަހައި، ވާހަކަދައްކާނެ ފަރާތެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ދެނެގަނެވުނު،“ މިނިސްޓަރ ވިދާޅުވި އެވެ.
މަމްސް އެއިޑާ ގުޅިގެން ކުރިއަށްގެންދާ މި ސަޕޯޓް ގްރޫޕްތަކުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ބެލެނިވެރިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އުފާވެރި ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮންމެ ގްރޫޕަކާއެކު ޖުމްލަ 13 ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުންތައް ކޮންމެ ހަފްތާއެއްގެ ދެ ދުވަހު އޮންނާނެ އެވެ. މި ސަޕޯޓް ގްރޫޕްތަކުގެ ސަބަބުން ބައިވެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިއެރުން ލިބި، އެކަނިވެރިކަން ފިލައިގެންދާނެ ކަމަށް މިނިސްޓަރ އުންމީދު ކުރައްވަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ބެލެނިވެރިންނަކީ ވަރަށް ހިތްވަރުގަދަ ބައެއްގެ ގޮތުގައި ފާހަގަކުރައްވައި، މި ފަރާތްތަކުގެ އޯގާތެރިކަމާއި ކެތްތެރިކަން ފާހަގަކޮށް މިނިސްޓަރ ވަނީ ހިތްވަރުދެއްވާފަ އެވެ. އަދި މި ޕްރޮގްރާމް ހިންގުމުގައި މަމްސް އެއިޑުން ދެއްވާ އެހީތެރިކަމަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައިވެ އެވެ.
އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް