މިސައިލް ގަންނަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ތުރުކީން ރާއްޖެއަށް ހަދިޔާކުރާ އަސްކަރީ މަނަވަރަށް މިސައިލް ގަންނަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އެންމެފަހުން ތުރުކީން ގެނައި މަނަވަރަށް މިސައިލް ގަތުމާ ގުޅޭގޮތުން ދެކެވެމުންދާ ބައެއް ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. އަދި އިގްތިސާދީ ގޮތުން ގައުމު ދަތި ހާލަތެއްގައިވަނިކޮށް މިފަދަ ހަރަދުތައް ކުރުމަކީ އެންމެ ރަނގަޅު ގޮތެއްތޯ ސުވާލު ކޮށްފައިވެ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ މިސައިލް ގަންނަކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. މިސައިލް ގަންނަން ނޫޅޭކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ ދޮގު ވާހަކަ ފެތުރުމުން ދިމާވަނީ މިކަހަލަގޮތެއް ކަމަށާއި، ދޮގު ވާހަކަތައް ދައްކާނަމަ އެ ވާހަކަ ގަބޫލުކުރަންވެސް މީހުންނަށް ފަސޭހަވާ ކަމަށެވެ.

”ނުގަންނަން މިސައިލެއް، ހޯދާކަށްވެސް ނޫޅެން.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ބައްދަލުކުރެއްވި ބޭރު ގައުމެއްގެ ސަފީރުވެސް ކަންބޮޑުވުމާއެކު މިސައިލްގެ ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް އެއީ ދޮގުވާހަކަތަކެއްކަން ސާފުކޮށްދެއްވި ކަމަށާއި އަދި މިސައިލް ގަންނަން ނޫޅޭކަންވެސް ސާފުކޮށްދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ހިލޭ އެހީގެގޮތުގައި ތުރުކީން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ ޑޯގަން ކްލާސްގެ މަނަވަރެކެވެ. އަދި މި އުޅަނދު ރާއްޖެއަށް ގެނެސް ސިފައިންގެ ހިދުމަތަށް ނެރެ، ދިވެހި ސިފައިން މި އުޅަނދު އޮޕަރޭޓް ކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީގައި ދިވެހި ސިފައިން ތަމްރީންތައް ހޯދަމުންދާކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މި އުޅަނދަކީ ރާއްޖޭގެ ދިފާއީ ބާރުގެ ކޯސްޓްގާޑް ދެގުނަ ކުރައްވާ ގާބިލްކަން އިތުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި ރަހުމަތްތެރި ގައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ހިލޭ އެހީގެ ގޮތުގައި ލިބުނު އުޅަނދެއްކަމަށް ޑިފެންސް މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ތުރުކީ އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ