ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުމުން ބަދަލުގެގޮތުގައި ކުރީ ސަރުކާރުން އެކި ކުންފުނިތަކަށް ދީފައިވާ ބިންތައް މިހާރު އަތުލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފޭސް 3 ގެ މަޝްރޫއު ހިއްކުމާއި ގުޅުވައިގެން ވެސް ތިލަފުށިން ބިމެއް ދީފައިވާ ކަމަށެވެ. އަދި މީގެއިތުރުންވެސް ބިން ހިއްކުމުގެ އެކި މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ކުރީ ސަރުކާރުން ބިން ދީފައިވާކަން ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު ބިން ހިއްކުމުގެ މަޝްރޫއު ހިންގާ އެއްވެސް ކުންފުންޏަކަށް ދީފައިވާ ބިމެއް ނޯނާނޭ ކަމަށެވެ.
”ކުރީ ސަރުކާރުން ބިންދީފަ މިއޮންނަނީ، ބޭރު ފަރާތްތަކުން ބިން ހިއްކީމަ އޭގެ ބަދަލުގަ.“ ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެގޮތަށް ބިން ދޭގޮތަށް ކޮށްފައިވާ އެގްރިމެންޓްތައްވެސް ބާތިލުކޮށްފައިވާ ކަމަށެވެ. އެގޮތުން ތިލަފުށިން ކުންފުންޏަކަށް ދީފައިވާ 10 ހެކްޓަރުގެ ބިމެއްވެސް އަތުލާފައިވާކަން ފާހަގަ ކުރެއްވި އެވެ.
”މިހާރު ނޯންނާނެ ބިން ހިއްކި އެއްވެސް ބައެއް އަތުގަ، އެމީހުންނަށް ކުރިން ސަރުކާރަކުން ދީފައޮތް ބިމެއް، [ޕްރޮޖެކްޓްގެ] ބަދަލުގަ ދިން ބިމެއް. ހުރިހާ ބިންތައް ކެންސަލް ކޮށްފިން. ހުރިހާ ބިމެއް އެހެރީ ސަރުކާރަށް ނަގާފަ މިހާރު.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ހުޅުމާލޭގެ ފޭސް 3 ގެ ބިން ހިއްކުން ޖުލައި މަހުގެ ނިޔަލަށް ނިމުމުން އެތަނުން ދޫކޮށްފައިހުރި ގޯތިތައް ހަވާލު ކުރެވިގެންދާނެ ކަމަށެވެ.
ހުޅުމާލެ ހިއްކައިގެން ގޯތި ދޫކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ފެށިއިރު، މިސަރުކާރުން އަންނަނީ އެ މަސައްކަތަށް ހުޅުމާލެއިން ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެޗްޑީސީގެ ފަރާތުންނެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން ދެއްވަމުންވެސް ރައީސް މުއިއްޒު ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ.
ހުޅުމާލެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިން ހިއްކުން ބިންވެރިޔާ ސްކީމް