ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާަ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން ކުރި ތަހުގީގާ ބެހެން ނެތް ކަމަށް އެ މައްސަލައިގެ ހަގީގަތް ހޯދަން އެކުލަވައިލި ކޮމިޝަންގެެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ޑރ. މުނައްވަރު މިހެން ވިދާޅުވެފައި ވަނީ، ރައީސް އޮފީހުގައި ބޭއްވި އެ ކޮމިޝަނގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މުނައްވަރު ވިދާޅުވީ، އެ ކޮމިޝަން އުފެއްދި ގަރާރުގައި އޮންނަނީ އެ ހާދިސާ ތަހުގީގު ކުރުން ކަމަށެވެ. އެ ގަރާރުގައި އެހެން ބައެއްގެ ތަހުގީގުކުރާ ވާހަކައެއް ނެތް ކަމަށާއި، ކުރުމުންވާނެ ގޮތެއްވެސް އެ ގާރާރުގައި ނެތްކަމަށް މުނައްވަރު ވިދަޅުވި އެވެ.
”އެގާރުގަ އެބައޮތް ތަހުގީގީ އިދާރާތަކުން ކޮށްފައިވާ މަސަައްކަތް ބެލުން، އެ ބަލާފަ އޭގައިން އަޅުގަނޑުމެން އިތުރައް ގެންދަންވާ ތަހުގީގުތައް ކުރިޔައް ގެންދިޔުންކަމަށް އިޝާރާތްމި ކުރެވެނީ، އަޅުގަނޑުމެން ފުލުހުން އެކުރާ ތަހުގީގައް ބެހޭކަން ނެތީމު.“
ކޮމިޝަންގެ މަސައްކަތަކީ އެ ތަހުގީގުދާ ގޮތްބަލައި، މިހާތަނައް އެއްކުރި މައުލޫމާތު ހޯދައި، އެ ތަހުގީގައް ހޯދިފައިހުރި މެޓީރިޔަލްތައް ހޯދައި، އެ މައްސަލައިގެ ހަގީގަތަކަށް ވާސިލުމުވަށްޓަކައި ކުރަންޖެހޭ ތަހުގީގީ ކަނަތައްތައް ކޮށް ނިންމުން ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ، ފުލުހުން ކުރަމުންގެންދާ ތަހުގީގާއި، އެ ތަހުގީގައްވާނެ ގޮތަކާއި، އެ ކޮމްޕްލީޓް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި އެކަމާއި ބެހޭ ވަޒީރު ނިންމަވާ ނިންމެވުމެއް ކަމަށެވެ. އަދި ރާއްޖޭގެ ޖިނާއީ ކަންކަމުގައި ޕްރޮސީޖާއެއް އޮންނާނެ ކަމަށާއި، އެ ޕްރޮސީޖާއައް ހުރަސް އެޅިގެންނުވާނެ ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.
މީގެ އިތުރުން މުނައްވަރު ފާހަގަކުރެއްވީ، އެއްވެސް ހާލެއްގައި ކޮންފްލިޓްއެއް އުފެދޭ ގޮތަކަށް މިކަހަލަ މައްސަލަތަކުގައި ޖާގަ އޮވެގެން ނުވާނެ ކަމަށާއި އަދި ޖާގަ ދެވިގެންނުވާނެ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވަނީ މައްސަލައިގެ ތަހުޤީޤަށް އެއްވެސް ފަރާތެއްގެ ނުފޫޒް ފޯރާ ހިސާބުން، އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.