މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު އެސްޑީއެފަށް ޖަމާ ކުރި ފައިސާ އިތުރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އޭޕްރިލް 10 ގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާ ކުރި ފައިސާ މިދިޔަ އަހަރު އެ މުއްދަތާ އަޅާ ބަލާއިރު އިތުރުވެއްޖެ އެވެ.

މިކަން ހާމަވީ ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުންނެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އޭޕްރިލް 10 ގެ ނިޔަލަށް އެސްޑީއެފަށް ވަނީ 437.1 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ 342 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށްވެސް ވަރަށް ބޮޑު ހޭދައެއްކޮށްފައިވެ އެވެ. އެގޮތުން އޭޕްރިލް 10 ގެ ނިޔަލަށް 2.44 ބިލިއަން ރުފިޔާ ވަނީ ލޯނު ދެއްކުމަށް ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް 10 ގެ ނިޔަލަށް ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ 847.9 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ 2018 ވަނަ އަހަރު ނިމިދިޔަ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސޮވަރިން ފަންޑުގައި 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ ދައުރު ނިމުނުއިރު ފަންޑު އޮތީ ހުސްވުމާ ގާތްވެފަ އެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ގާޏޫނީ ބާރު ދިނުމަށްޓަކައި ސަރުކާރުން ވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ގާނޫނު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އެކައުންޓިން އަދި ރިޕޯޓިން ފްރޭމްވޯކެއް ގާއިމްކުރުމާއި ގާނޫނުތަކުގެ ތެރެއިން އެ ފަންޑުގެ ބޭނުން ކަނޑައެޅުން ހިމެނެ އެވެ. އެ ބިލް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން އަންނަނީ ކުރަމުންނެވެ.

މިނިސްޓްރީ އޮފް ފިނޭންސް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ