މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދު، މިދިޔަ އަހަރާ އަޅާބަލާއިރު 15.5 އިންސައްތަ ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކުރި ޖުމްލަ ޚަރަދު ހުރީ 25.4 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި 30.1 ބިލިއަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު ފާހަގަކުރެވޭ ދަށްވުމެކެވެ.
ދައުލަތުގެ ޚަރަދުތައް އެންމެ ބޮޑަށް ދަށްވެފައިވަނީ ކެޕިޓަލް ޚަރަދުތަކުންނެވެ. އެގޮތުން ކެޕިޓަލް ޚަރަދުތައް ވަނީ 57 އިންސައްތައިން ދަށްވެފަ އެވެ. ނަމަވެސް ރިކަރަންޓް ޚަރަދުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. މި އަހަރުގެ މިހާތަނަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 22.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 22.3 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ރިކަރަންޓް ޚަރަދުގެ 56.7 އިންސައްތަ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.5 އިންސައްތަ ދަށް އަދަދެކެވެ. އޮފީސް ހިންގުމަށް ހޯދާ ތަކެތީގެ ޚަރަދު 15.5 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 15.6 އިންސައްތައިން ދަށްވެފަ އެވެ. މީގެއިތުރުން ދަތުރުފަތުރުގެ ޚަރަދުތައް 5.8 އިންސައްތައިން ދަށްވެފައިވާއިރު، ސަބްސިޑީތަކަށް ކުރާ ޚަރަދު ވަނީ 7.0 އިންސައްތައިން ދަށްވެފަ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ގައުމު ބޮޑުތަނުން ދަރަނިވެރިވެފައިވާކަމަށް ސަރުކާރުގެ އެކި ފަރާތްތަކުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ. ވެރިކަމާ ހަވާލުވުމަށްފަހު ސަރުކާރުން ވަނީ ދަރަނީގެ ކަންކަން ހަމައަކަށް އަޅުވާ ދަރަނި ދެއްކުމަށް އެތަށް މަސައްކަތެއް ކޮށްފަ އެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ހަރަދު ކުރި އިރު މި މުއްދަތުގައި ސަރުކާރުން ވަނީ މުހިންމު ދާއިރާތަކުގައި ކުރިއަށްދާ މަޝްރޫޢުތަކަށް އެހީތެރިވުމުގެ ގޮތުން 2.6 ބިލިޔަން ރުފިޔާ ދޫކޮށްފަ އެވެ.
