ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ސާބިތުވެފައިވާ ދަރަންޏެއްގެ ހުކުމާއެއްގޮތަށް ފައިސާ ދައްކަމުންނުދާ މައްސަލައިގައި ސިނާންގެ ގޮނޑިއާމެދު ސުވާލު އުފައްދާ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.
އެމްއައިބީއިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސިނާނާއި އިތުރު ބައެއްގެ މައްޗަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރު ފަހުކޮޅު އެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އެ ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.
ސިނާންގެ ގޮނޑިއާމެދު ސުވާލު އުފައްދާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު އޭނާވަނީ އެ ދަރަނި ދައްކާފަ އެވެ.
