ދިވެހިން އެންމެ އާންމުކޮށް ގޮސް އުޅޭ ގައުމުތަކުން އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި މެލޭޝިއާ، ސްރީ ލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އަންނަނީ ތައްޔާރުވަމުންނެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރޭވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ. މި މަސައްކަތުގެ ތެރެއިން މި މަހު އިތުރު ހަތަރު ރަށެއްގައި މި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުލި އެވެ.
ޑީއެންއާރުން މިހާރުވެސް ވަނީ 15 ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފަ އެވެ. މި ޚިދުމަތް އެ ރަށްރަށުގައި ފޯރުކޮށްދެމުން ގެންދަނީ ކައުންސިލްތަކާ ގުޅިގެން ނެވެ.
ބޭރު ގައުމުތަކުގައި މި ޚިދުމަތް ފެށުމުން، އެ ގައުމުތަކުގައި ދިރިއުޅޭ އަދި ކިޔަވަން ތިބޭ ދިވެހިންނަށް އައިޑީކާޑު ހެއްދުމަށް ރާއްޖެއަށް އައުމުގެ ބުރަ ލުއިވެގެންދާނެ އެވެ. މިއީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)