އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުނޑި ނައްތާލާ ނިޒާމު ޤާއިމްވުމާއެކު، އައު ވިޔަފާރިއެއްގެތެރެއަށް ވެމްކޯއަށް ވަދެވޭނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތް އިތުރުވެފައިވާއިރު، މިފަދަ މަސައްކަތުން އުފެދޭ ގާކުނޑި ރަނގަޅުގޮތުގައި މެނޭޖުކުރެވޭނެ ނިޒާމެއް މިވަގުތު ނެތެވެ. ނަމަވެސް ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ތިލަފުށީގައި ގާކުނޑި ނައްތާލުމަށް ޚާއްޞަކޮށްގެން ކޮންސްޓްރަކްޝަން ވޭސްޓު ޑެމޮލިޝަން ޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެމްކޯއިން މަޢުލޫމާތު ދެއެވެ.
”ސީއެންޑީ ޕްލާންޓު ސެޓް ކުރެވިގެން ދިޔުމުން އެކަން ހައްލުވެގެން ދާނެ. 5 ސައިޒަކަށް ހެދުމަށް ފަހު އަލުން މާކެޓަށް ނެރެވޭނެ މެކޭނިޒާމެއް ހެދިގެން ދާނެ. އިތުރު ވިޔަފާރިއަކަށް ވަދެވޭނެ މަގު ވެމްކޯއަށް ލިބިގެން ދާނެ،“ މުޖުތަބާ ވިދާޅުވި އެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވި އެވެ. އެދަތުރުފުޅުގައި މުޖުތަބާ ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތުގައި އުފެދޭ ކުނި ނައްތާލުމަށް ތަރައްޤީކުރާ ޕްލާންޓްގެ މަސައްކަތާއެކު، އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ރައްކާތެރި ގޮތުގައި އިތުރު ބޭނުންތަކަށް ތައްޔާރުކުރެވިގެން ދާނެ ކަމަށެވެ.
މީގެއިތުރުން، ތިލަފުށީގައި ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް ނިންމާ އަންނަ އަހަރު އޮޕަރޭޝަނަށް ގެނައުމަށް ތިމާވެށްޓާއި ބެހޭ ވުޒާރާއިން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެ އެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)