ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ބާސެލޯނާ އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ހޫލިއަން އަލްވަރޭޒް ވަނީ ލަނޑު ޖަހައި އެތުލެޓިކޯއަށް ކުރިހޯދަދީފަ އެވެ. ޗެމްޕިއަންސް ލީގުގައި ރެއާލް އަތުން ބަލިވެ، އެތުލެޓިކޯ މުބާރާތުން ކެޓިއިރު، ރެފްރީ ވަނީ އަލްވަރޭޒްގެ ޕެނަލްޓީ ބަލައިނުގަންނަން ނިންމާފަ އެވެ. އޭނާގެ ފައިގައި ދެފަހަރު ޖެހުނު ކަމަށް ނިންމިއިރު، މިކަމާ އަދިވެސް ގިނަ ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގެ 70 ވަނަ މިނެޓުގައި އެލެކްސަންޑާ ސޯލޯތު ވަނީ ލަނޑު ޖަހައި، އެތުލެޓިކޯއަށް ލީޑު ފުޅާކޮށްދީފައެވެ. މިއާއެކު، އެ ޓީމަށް ވަނީ ތާވަލުގެ އެއްވަނައަށް ދިއުމުގެ ފުރުސަތު ލިބުމުގެ ފުރުސަތު ބޮޑުވެފައެވެ.
ބާސެލޯނާ އިންވަނީ މެޗު ނިމެން 18 މިނެޓަށް ވެފައިވަނިކޮށް ނަތީޖާ އަނބުރާލަފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ލަނޑާއެކު އެ ޓީމުން ފަރަގު ކުޑަކުރިއިރު، އޭގެ ހަ މިނެޓު ފަހުން ފެރަން ޓޮރޭސް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ޓޮރޭސް މި މެޗުގައި ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މެޗުގެ އިތުރު ވަގުތު ފެށިގެން ދެވަނަ މިނެޓުގައި ޒުވާން ތަރި، ލަމީން ޔަމާލް ވަނީ ލަނޑު ޖަހައި ބާސެލޯނާ މޮޅުކޮށްދީފައެވެ. އޭގެފަހުން، ޓޮރޭސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބާސެލޯނާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް 60 ޕޮއިންޓު ލިބިފައިވީނަމަވެސް، ރެއާލުން ވަނީ އިތުރަށް އެއް މެޗު ކުޅެފައެވެ.
