ރައީސް މުއިއްޒުއާ، މަޖިލިސް ރައީސް ބައްދަލުކުރެއްވީ މަޖިލިސް މަސައްކަތާ ގުޅޭގޮތުން: ހީނާ

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ބައްދަލުކުރައްވާ މަޝްވަރާކުރެއްވީ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުއާ، އަބްދުއްރަހީމް މިއަދު ހެނދުނު ބައްދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ބައްދަލުވުން ކުރިއަށްދިޔައިރު، ދެ ބޭފުޅުންގެ ދެމެދުގައިވާ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްފަ އެވެ. އަދި ގުޅުން ގޯސްވެފައިވާކަން އަބްދުއްރަހީމް މީޑިއާގައިވެސް އޮތީ ހާމަކުރައްވާފަ އެވެ.

ބައްދަލުވުމާއި ގުޅޭގޮތުން އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައިި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި ދެ ރައީސުންނާއެކު، ޕީއެންސީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ފަލާހްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވަން ހުރި ބިލުތަކާ ގުޅޭގޮތުން ކަމަށް ހީނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި މިއީ މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށް ގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެކެވެ.

މީގެ ކުރިން، ޖެނުއަރީ 28 ވަނަ ދުވަހު، މަޖިލީހުގެ ރައީސްގެ ދަރިކަލުން އިބްރާހިމް ފައިސަލް، ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެން ދެ ބޭފުޅުންގެ ގުޅުމަށް އަސަރުކޮށްފައިވާ ކަމަށް ވަނީ ޚަބަރުތައް ފެތުރިފަ އެވެ. ”ރައީސް މުޢިއްޒާއި ދެމެދު ރަނގަޅު ގުޅުމެއް އޮތްނަމަ، އެމަނިކުފާނުގެ ދަރިކަލުން މަޤާމުން ވަކިނުކުރައްވާނެ“ ކަމަށް މަޖިލީހުގެ ރައީސް މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ފައިސަލް މަޤާމުން ވަކިކުރެއްވި ސަބަބު ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ.

މިއަދުގެ ބައްދަލުވުމަކީ ފައިސަލް މަޤާމުން ވަކިކުރެއްވި ފަހުން، މަޖިލީހުގެ ރައީސްއާއި ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވި އިރު ދެ ރައީސުން ވަނީ ބައްދަލުވެވަޑައިގެންފަ އެވެ.

ހީނާ ވަލީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ