ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް އަދަދު ނޫހުން ގެނެސްދިން ޚަބަރަކީ ”ކަނޑައެޅިގެން ދޮގު“ ޚަބަރެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ޝާއިޢުކުރި ޚަބަރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން، މިއަދު މެންދުރު ރައީސް އޮފީހުގައި ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
މި ޚަބަރާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވަނީ، ”އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން“ ކަމަށެވެ.
އަދަދު ނޫހުގެ ޚަބަރުގައި އިތުރަށް ބުނެފައިވަނީ، މި ބައްދަލުވުމަށް ވަގުތު ދިނުމުގެ ގޮތުން، މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ބޭއްވުމަށް ތާވަލުކޮށްފައިވާ ފަރިއްކޮޅު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންސަލްކުރެއްވި ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ ކުރިއަށް ގެންދިއުމަށާއި، ދައުލަތުގެ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޒާމެދު ފަހުން ގޮތެއް ނިންމުމަށެވެ.
ހީނާ ވަލީދު ރައީސް އޮފީސް މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ސުޕްރީމް ކޯޓު