ރާއްޖޭގެ ޒުވާނުން ކުށްތަކަށް އަރައިގަތުން ގިނަވަނީ ރާއްޖޭގެ ވެރިކަމުގެ ބާރުތަކުން ނަހަމަ ގޮތުގައި ބާރުތަކުގެ ބޭނުން ކުރާތީ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގޭންގް ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ދީދީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީން ޝަރީއަތުން ނުބެލޭ މައްސަލަތައް ބެލުމުގެ ޒިންމާ އުފުލަންޖެހޭ ކަމަށެވެ. އަދި ކުންފުނިތަކުގެ މައްސަލަތައް ބެލުމަށް އެސްއޯއީ ކޮމިޓީއެއް އޮންނަ ކަމަށާއި، މި ކޮމިޓީތައް ހިންގުމަށް ބޭނުންވާ ގާނޫނުތައް ވުޖޫދަށް ގެންނަނީ މަޖިލީހުން ކަމަށްވެސް ފާހަގަކުރެއްވި އެވެ.
”ގާނޫނުތައް ތަންފީޒު ނުކުރެވޭ ނަމަ އެ ނުކުރެވެނީ ކީއްވެގެންކަން ބަލައި، މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބިގެންވޭ،“ އިބްރާހިމް ދީދީ ވިދާޅުވި އެވެ. އަދި ކޮންމެ ސަރުކާރަކުން ކަންކަން ނިންމަން މަސައްކަތްކުރާއިރު، އިތުރު ފަރާތްތަކުން އެކަމަށް ހުރަސްއަޅަން މަސައްކަތްކުރާތީ ރާއްޖެ ހަމައަކަށް ނޭޅޭ ކަމަށް ފާހަގަކުރެއްވި އެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، ޒުވާނުންގެ ތެރެއިން ގޭންގުތަކާ ގުޅިގެން އުޅެނީ މަދު ބައެއް ކަމަށާއި، ގިނަ އަދަދެއްގެ ޒުވާނުންނަކީ ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ މަގުތަކުގައި މީހުން މަރާލައި ކޮށާލާ ހާދިސާތައް ކުރީގެ ސަރުކާރުތަކުންވެސް ހައްލު ނުކުރާކަމަށާއި، މި ދައުރުގައި އެފަދަ ކަމެއް ނުހިނގި ކަމުގައިވިޔަސް، އެއީ ރާއްޖޭގައި އެފަދަ ކަންކަން ނެތްކަމަށް ނުބެލެވޭނެ ކަމަށް ވިދާޅުވި އެވެ.
ބޮޑެތި ޖަލު ހުކުމްތަކާއި ބޮޑެތި ޖުރިމަނާތައް ހިމެނޭ ގޭންގް ބިލުގައި ބުނެފައިވަނީ، އެއްވެސް މީހަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމަކީ ނުވަތަ ހިންގުމަކީ ކުށެއް ކަމަށެވެ. މިކަމަކީ 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 200،000 އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި މިފަދަ ކުށެއް ކުރަން އުޅުމަކީ ނުވަތަ އެހީތެރިވުމާއި ބައިވެރިވުމަކީވެސް ކުށެއް ކަމަށާއި މިކުށުގެ އަަދަބެއްގެ ގޮތުން 18 އަހަރަށް ޖަލަށްލުމާއެކު 100،000 އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. މީގެއިތުރުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށްވެސް ބުނެފައިވެ އެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ގެ ހަތަރުވަނަ ބާބުގައި ވަނީ، ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުން، މީހަކާމެދު ނުރައްކާތެރި މާރާމާރީއެއް ހިންގުން، މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕްކުރުން އަދި މީހަކަށް ބިރުދެއްކުމަކީ ކުށެއް ކަމަށް ބަޔާން ކޮށްފަ އެވެ. އަދި މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުމަކީ ކުށެއް ކަމަށްވެސް ބަޔާން ކޮށްފައިވެ އެވެ. މީގެއިތުރުން ހަނގުރާމަވެރި ހަތިޔާރު އަދި އެނޫން ނުރައްކާތެރި ހަތިޔާރު އެތެރެކުރުމާއި އުފެއްދުމަކީ ކުށެއް ކަމަށާއި އެކުށުގެ އަދަބުގެ ގޮތުން 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 އާއި 7 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ޑީޑީ) ގޭންގް ބިލް
