ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިގޮތުގައި، އިސްލާމީ މަރުކަޒުގެ ސްޓްރަކްޗަރގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި މަރުކަޒުގެ ޤުއްބު ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ މަރުކަޒު ޒީނަތްތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ.
މި އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެ އެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ’ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް‘ އާއެވެ. މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ. މަސައްކަތް ހަވާލުކުރެވުނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢަށް 50.8 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ.