ޑްރޯން ބޭސް އަޅަން ގަމުން ނެގި ބިން ކަމަކު ނުދޭ، އެހެން ބިމެއް ދޭން ތައްޔާރު: އައްޑޫ މޭޔަރު

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގެ ގަމުން ޑްރޯން ބޭސް އެޅުމަށް ނަގާފައިވާ ބިމަކީ އެކަމަށް އެކަށީގެންވާ ބިމެއް ނޫން ކަމަށާއި، އެކަމަށް އެހެން ބިމެއް ދިނުމަށް ތައްޔާރަށް ހުރި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މޭޔަރު ނިޒާރު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ގަމަކީ އައްޑޫ ސިޓީގެ ތަރައްޤީގެ ޕްލޭންތަކާ ގުޅިފައިވާ މުހިންމު މަސައްކަތްތަކެއް ހިނގަމުންދާ ރަށެއް ކަމަށެވެ. އަދި މިއީ ކުރިއާ ޚިލާފަށް އިޤްތިޞާދީ ޕްލޭންތައް ހެދި ނިމިފައިވާ ތަނެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޭޔަރު ނިޒާރު ވިދާޅުވި ގޮތުގައި މި ސަރަހައްދަކީ ސިފައިންނާއި ފުލުހުންގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުން މަސައްކަތްކުރުމަކީ އައްޑޫގެ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ގަމުގެ ދެކުނު ކޮޅުގައި ހޮޓަލެއް ޤާއިމުކުރުމަށް ނިންމާފައިވާ ސަރަހައްދުގައި ޑްރޯން ބޭސްއެއް (އެއަރ ސްޓޭޝަން) ޤާއިމުކުރުމަށް ނިންމާފައިވަނީ އައްޑޫ އެއަރޕޯޓްސް ކޮމްޕެނީގެ ވިސްނުމާ ދެކޮޅަށް އަދި އައްޑޫ ކައުންސިލަށް އެނގުމަކާ ނުލަ އެވެ.

މީގެ އިތުރުން، އައްޑޫ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ބަހެއް ނެތި ސަރުކާރުން މިގޮތަށް ނިންމާފައިވާކަން މޭޔަރު ނިޒާރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް އައްޑޫއިން ސަރުކާރުގެ ބޭނުންތަކަށް ބިން ދީފައިވަނީ ކައުންސިލާ މަޝްވަރާކޮށްގެން ނެވެ. އަދި މި އުސޫލު ދެމެހެއްޓިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

”މިގޮތަށް މިކަން ކުރުމަކީ ރުހެވޭނެ ކަމެއް ނޫން. މަޝްވަރާ ކުރެވިގެން އައްޑޫގެ ކޮންމެ ދިމާލަކުން ޕްލޭންތައް ފުށުނާރާނެހެން ދިވެހި ސިފައިންނާއި ފުލުހުންނަށް ބިން ދިނުމަކީ އަޅުގަނޑުމެން އެއްބަސްވާނެ ކަމެއް. އަދި މިވީތާ އެކަން ކޮށްފައިވަނީވެސް އެގޮތަށް،“ މޭޔަރު ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ނިޒާރުގެ މި ޕޯސްޓުގައި އޭނާ ވަނީ އެ ސަރަހައްދުގައި ޤާއިމުކުރުމަށް ރާވާފައިވާ ”ސައުތު ބީޗް ރިޒޯޓް“ ގެ ކުރެހުމެއް ހިއްސާކުރައްވާފަ އެވެ. މި ރިޒޯޓުގައި 150 ކޮޓަރި އެޅުމަށް ރޭވިފައިވާ ކަމަށާއި، ގަމުގެ ދެކުނުގައިވާ 9 ހެކްޓަރުގެ ބިމެއްގައި މި ރިޒޯޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް މޭޔަރު ނިޒާރު ވިދާޅުވި އެވެ. ނަމަވެސް މި މަޝްރޫޢުގެ ޓެންޑަރ އަދި ފަންޑިންގ އަދި ހަމަޖެހިފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ. ނަމަވެސް، މި މައްސަލަ ޙައްލުކުރުމަށް ދެފަރާތުން މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން މޭޔަރު ނިޒާރުގެ ބަސްތަކުން ދޭހަވެ އެވެ.

މި މައްސަލައަކީ އައްޑޫ ސިޓީގެ ތަރައްޤީއާއި ޤައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއް ކަމަށްވާތީ، ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މެދުގައި އިތުރު މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.

އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ