ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފަށް ރުހުން ދިނުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ޖުޑިޝަރީން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އައްބާސްއަށް ރުހުން ދޭން ނިންމާފައިވަނީ ކޮމިޓިގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ޕީޖީގެ މަގާމަށް އައްބާސްއަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރުން އަދި އެއް ޖަލްސާ ބާއްވާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު 09:00 ގައި ކަމަށެވެ. އެ ޖަލްސާގެ އެޖެންޑާ އަދި އާންމުކޮށްފައި ނުވަ އިރު އެ ޖަލްސާގައި ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރުމުގެ މަސައްކަތާއި ޕީޖީގެ މަގާމަށް އައްބާސްއަށް ރުހުން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބެލެވެ އެވެ.
އައްބާސްއަކީ ގިނަ ދުވަސް ވަންދެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމުތައް ފުރުއްވާފަ އެވެ.
މީގެ އިތުރުން އޭނާ ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައިވެސް ޔާމީންގެ ދިފާއުގައި ވަކާލާތު ކުރައްވާފަ އެވެ.
ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ ތައުލީމު ހާސިލުކުރެއްވުމަށްފަހު އައްބާސް ވަނީ ރާއްޖޭގައި ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފަ އެވެ.
ޕީޖީގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި ހުސެއިން ޝަމީމް ވަކިކުރެއްވުމުން
ޕީޖީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް އެ މަގާމުން ވަކި ކުރުމަށް ފާސް ކުރުމުންނެވެ. އެ މަގާމު ހުސްވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. ގާނޫނު ބުނާ ގޮތުން ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޕީޖީ ޝަމީމް މަގާމުން ވަކި ކުރުމަށް ފެންނަކަމަށް 65 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަކަމަށް 9 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަށް ވޯޓު ދެއްވަން ބޭނުން ނުވާކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
މަޖިލީހުން މި ނިންމުން ނިންމުމުގެ ކުރިން ޕީޖީ އޮފީހުން ވަނީ ޕީޖީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވިކަމަށް ބުނެފަ އެވެ.
ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޕީޖީގެ އިސްތިއުފާގެ ސިޓީ ރައީސަށް ލިބުމުން އެ ސިޓީ ލިބުނުކަން މަޖިލީހުގެ އިދާރާއަށް އަންގާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެން ދެން ބެލުމަށް ފަހު ވޯޓު ނަގާފައިވަނީ އެ ސިޓީ ރައީސަށް ލިބިފައި ނުވާކަމަށް ރައީސް އޮފީހުން ބުނުމުންނެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް
