ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ މީހުންގެ ކުންފުނިތައް ހަރުދަނާ އޮނިގަނޑެއްގެ ތެރޭގައި ހިންގަންޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކުންފުނިތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރައްވާ ކަމަށެވެ. އަދި މިފަދަ ހަރުދަނާ އޮނިގަނޑެއް ނެތި ޤައުމަށް ފައިދާތަކެއް ނުވާނެ ކަމަށެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ ހާލަތާ ބެހޭ ގޮތުން އެމްޑީޕީ މެންބަރުން ވާހަކަދައްކަން ލަދުގަންނަންޖެހޭނެ އެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ގިނަ ކުންފުނިތައް އޮތީ އެއްކޮށް ”ފުނޑާލާފައި“ ކަމަށް އޭނާ ވިދާޅުވި އެވެ.
”ކުންފުނިތަށް އޮތްހާލު މި ބޭފުޅުން ވާހަކަ ދައްކާއިރުވެސް މި ބޭފުޅުންނަަށް އިންގޭނެ މިބޭފުޅުން ސަރުކާރެއް ނިމިގެން ދިޔައިރު. ލާރިނެތް އެތަށް ޕްރިޖެކްޓްތައް ފަށައި ލާރިކޮޅު ކޮޅު ދީފަ ރާއްޖޭގަ ހުރިކުދި ވިޔަފާރި ކުންފުނިތައް ފުނޑާލި ބައެކޭ މިބޭފުޅުން މީ.“
އިތުރަށް އޭނާ ފާހަގަކުރެއްވީ، ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި މިހާރުގެ ސަރުކާރުން ވަނީ ކުންފުނިތަކުގެ ދަރަނިތައް ދައްކަމުން ގޮސް، އެ ކުންފުނިތައް އަލުން އާރާސްތުކޮށް ނަގަހައްޓަން މަސައްކަތް ކުރައްވާފައި ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން މިކަމާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ އެ ޕާޓީން ކުރި ކަންތައްތަކުގައި ފަސްއަޅަން ވެގެން ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އިސްލާހީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.