ބެލްޖިއަމްގެ ފޯވާޑް، ރޮމޭލޫ ލުކާކޫ، ޗެލްސީ ދޫކޮށް 30 މިލިއަން ޕައުންޑަށް ނަޕޯލީ އަށް ސޮއިކޮށްފި އެވެ.
އުމުރުން 31 އަހަރުގެ ލުކާކު ނަޕޯލީ އާ ގުޅުނު އެންމެ ބޮޑު ސަބަބަކަށްވީ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. ލުކާކޫ ވަނީ ކޮންޓޭ އިރުޝާދުގެ ދަށުން، 2019 އިން 2021 އަށް އިންޓަ މިލާނަށް ކުޅެފަ އެވެ.
ލުކާކު އަލުން ޗެލްސީއާ ގުޅުނީ 2021 ވަނަ އަހަރު، 97.5 މިލިއަން ޕައުންޑަ ށެވެ. ނަމަވެސް، ޗެލްސީން ވަނީ މިދިޔަ ދެ ސީޒަނުގައި ލޯނު އެއްބަސްވުމުގެ ދަށުން ލުކާކޫ އިންޓަ މިލާނާއި ރޯމާ އަށް ދޫކޮށްފަ އެވެ.
2021 ވަނަ އަހަރު އިންޓަ މިލާނުން އިޓަލީ ލީގު ކާމިޔާބުކުރި އިރު ކޯޗަކީ ކޮންޓޭ އެވެ. އަދި އެ ސީޒަނުގައި ލުކާކޫ ވަނީ 24 ލަނޑު ޖަހާފަ އެވެ. ނަމަވެސް، އެނބުރި ޗެލްސީ އަށް ގޮސް، އޭނާ އަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ކޮންޓޭ ބުނީ، ހޮނިހިރު ދުވަހު ޕާމާ އާ ދެކޮޅަށް ކުޅޭ އިރު، ލުކާކޫ ފެނުން އެކަށީގެންވާ ކަމަށެވެ.



