ކުރީ ސަރުކާރުގައި ވުޖޫދުގައި ނެތްތާކުން ރައްޔިތުންނަށް ގޯތި ދިނީ ކޮންކަހަލަ ވޯޓެއް ހޯދަންކަން ސާފު ނުވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ގޯތިގެދޮރުގެ ވާހަކަ ސާފުކުރުމަށް މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދުގެ މަޖިލީހަށް ވަޑައިގަތުން މިނިސްޓަރުގެ ވާހަކައަށް ހުރަސްއަޅާ އެމްޑީޕީން އަމަލުކުރި ގޮތާމެދު ހިތާމަކުރާ ކަމަށެވެ.
މެންބަރު އިމްރާން ލަތީފް ވިދާޅުވީ މިނިސްޓަރު ހައިދަރު މަޖިލީހަށް ވަޑައިގަތީ ރައްޔިތުންނަށް މައުލޫމާތުތަކެއް ދެއްވުމުގެ ނިޔަތުގައިި ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ހައެއްކަ މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ނިޒާމު ގެއްލުވާލުމުން ރައްޔިތުންނަށް ލިބުނީ ވަރަށްބޮޑު ގެއްލުމެއް ކަމަށް ވިދާޅުވިއެވެ. މެންބަރުންނާއި ރައްޔިތުން ތިބީ ސާފު މައުލޫމާތުތަކެއް ބޭނުންވެފައި ކަމަށާއި އެހެންނަމަވެސް އެ ފުރުސަތު ގެއްލުވާލީ އިދިކޮޅު މެންބަރުން ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިންޝުއަރެންސްގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު އިމްރާން ލަތީފް ވިދާޅުވީ ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވަނީ ފަޅާއި ކަނޑުން ކަމަށެވެ. އަދި ވުޖޫގައި ނެތް ތަނަކަށް އިންޝުއާ ދެނީ ކޮން ކުންފުންޏަކުންތޯ ސުވާލު އުފެއްދެވިއެވެ. އަދި މިނިސްޓަރު ހަގީގަތް ހާމަކުރުމުން މަޖިލީހުގެ ނިޒާމު ގެއްލުވާލާނީ ވަރަށް ފެންވަރު ދައްވުމުން ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އިންޝުއަރެންސް ކުންފުނިތައް މިތަނަށް ގެންނައިރު އެބަ ނިންމަންޖެހޭ، ވެރިކަމެއް ބަދަލުވެގެން ކޮންމެފަހަރަކު ދާއިރު ނުވަތަ ދެވަނަ ދައުރަކަށް ހޮވިގެންދާއިރު، ދިގުމުއްދަތަކަށް ދިވެހިންނަށް ބަދަލުނުވާނެ ގޮތަކަށް ޤާނޫނުގެ ތެރެއިން ގޯތިގެދޮރާއި މުދާ އެއީ ކަނޑައެޅިފައިވާ އުސޫލުުން ނިމިގެންދާނެ ކަންތައްތަކެއް ގޮތަށް. ޖައްވުން ފަޒާއިން ނެތް އެއްޗަކަށް ރަޖިސްޓްރީއެއް ދޭނީ، ބުއްދިސަލާމަތުން ހުރި ވެރިކަމަކުން ދައުލަތުގެ ތައްގަނޑުޖަހާފައި ވުޖޫދުގައި ނެތްއެއްޗެއް ރައްޔިތުންނަށް ދޫކޮށްލާނީ ކޮންކަހަލަ ވޯޓެއް ހޯދުމުގެ ނިޔަތުގައިކަން.“
ވުޖޫދުގައި ނެތްއެއްޗެއް ރައްޔިތުންނަށް ދޫކޮށްލާނީ ކޮން ވޯޓެއް ހޯދުމުގެ ނިޔަތުގައިކަން ސާފުނުވާކަމަށްވެސް މެންބަރު އިމްރާން ލަތީފް ވިދާޅުވިއެވެ. އަދި ވުޖޫދުގައި ނެތް އެއްޗެއް ދިނުމުގައި ބަދަލުގައި ރައްޔިތުންނަށް ފައިދާ ވާނެގޮތަަކަށް އަދި ބޭނުންކުރެވޭގޮތަކަށް ކަންކަން ދައުލަތުން ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފް ރައްޔިތުންގެ މަޖިލިސް ބިންވެރިޔާ ސްކީމް
