ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ފިޔަވަޅުތަކަކީ ގައުމީ ވިސްނުމަކުން ވިސްނަވާފައި އެޅުއްވި ފިޔަވަޅެއް ކަމަށް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
ޕީއެންސީ ކޯލިޝަނުން މިހެން ބުނީ ރާއްޖެ ވައްޓާލާފައިވާ އިގުތިސޯދީ އަނދަވަޅުން ނަންގަވައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ނިންމަވާފައި ވާތީ އެކަމަށް ޝުކުރުކޮށް ރައީސްއަށް މަރުހަބާ ކިޔަން ނެރުނު ބަޔާނުގަ އެވެ.
އެ ބަޔާނުގައި ޕީއެންސީން ވަނީ ރައީސްގެ ނިންމެވުމުގައި ޕީއެންސީ ކޯލިޝަނުން ސާބިތުކަމާއިއެކީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފައި ވެއެވެ. ރައީސްގެ ނިންމެވުމަކީ ރައްޔިތުންނަށް އޭގެން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވާފައި އެޅުއްވި ފިޔަވަޅުތަކެއް ކަމަށް ގަބޫލުކުރާ ކަމަށް ޕީއެންސީ ކޯލިޝަނުން ބުނެފައި ވެއެވެ. އަދި އެ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަކާއި ދޭތެރޭ ނުވިސްނަވާ، ރައީސް ނިންމެވި ނިންމެވުމެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފައި ވެއެވެ.
”އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އާއިއެކު މިކޯލިޝަން ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަންވެސް އަރުވަން،“.
އެކްސްގައި ރޭ ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަަކައި ގިނަ ފިޔަވަޅުތަަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، މިނިވަން ދުވަސް ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބާއްވައި ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.
“މިގޮތުން، ކުރިއަށް އޮތް މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުަން ކުޑަކުރުމަށް ވާނީ ކަމާއި ބެހޭ ފަރާތްތަކަށް އަންގާފަ”
ރައީސް ވިދާޅުވީ މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށެވެ.