ޣައްޒާއަށް އެހީގެ ތަކެތި ވެއްދުން އިސްރާއީލުން ހުއްޓުވައިފި އެވެ.
އަލްޖަޒީރާ އިން ބުނާ ގޮތުގައި ޣައްޒާއަށް ވަދެވޭ ހުރިހާ މަގެއް ބަންދުކޮށް އިންސާނީ އެހީތައް އިސްރާއީލުން ވަނީ ހުއްޓުވާފަ އެވެ. އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނާ ގޮތުގައި ޖެނުއަރީ މަހު އެއްބަސްވެވުނު ހަނގުރާމަ ހުއްޓާލުމުގެ މުއްދަތާއި ފިޔަވަހިތަކަށް މިހާރު އަމަލު ކުރާކަށް ނުޖެހޭނެއެވެ.
އެގޮތުން ޣައްޒާއަށް އެހީގެ ތަކެތި ވެއްދުން ހުއްޓުވަން އިސްރާއީލުން ބަހަނާއެއްގެ ގޮތުގައި ދެއްކީ ހަމަލާތައް މެދުކަނޑާލަން ވެފައި އޮތް އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުއްދަތު ހަމަވުމެވެ. އެމެރިކާ އިސްވެ އޮވެ މިހާރު ހުށަހަޅާފައި ވަނީ ފުރަތަމަ މަރުހަލާގެ މުއްދަތު ދިގު ކުރުމަށެވެ. ކުރިން އެއްބަސްވި ގޮތައް ފުރަތަމަ މަރުހަލާއަށްފަހު ދެވަނަ މަރުހަލާ ފަށައި، އިސްރާއީލުން ސިފައިން ޣައްޒާއިން ފައިބަން މިހާރު އެމެރިކާ އާއި އިސްރާއީލުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
ހަމާސްގެ އިސްވެރިއެއް ކަމަށްވާ މަހްމޫދު މަރްދަވީ ވިދާޅުވީ ސަރަހައްދީ ހަމަޖެހުން ހޯދޭނީ ކުރިން އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ފުރިހަމަކުރުމުން ކަމަށާއި، އެއީ އިސްރާއީލުން ޣައްޒާއިން ދާއިމީކޮށް ފައިބައި، ހަނގުރާމަ ނިންމުން ކަމަށެވެ.
ހަމާސްއިން ބުނެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓުވުމަށް ނިންމި ނިންމުމަކީ ބްލެކްމެއިލް ކުރުންކަމަށާއި އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ދެކޮޅަށް ކުރާ ބަޣާވާތެއް ކަމަށެވެ. ހަމާސްއިން ނެރުނު ބަޔާނެއްގައި އިސްރާއީލުގެ މި ފިޔަވަޅަކީ ހަނގުރާމައިގެ ކުށެއްކަމަށާއި އަދި އެއްބަސްވުމާ ދެކޮޅަށް ސީދާ ހިންގާ ޖަރީމާއެއް ކަމަށް ބުނެފައި ވެއެވެ. އަދި ޣައްޒާ ހިސޯރު ކޮށްގެން އިސްރާއީލުން ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް އިސްރާއީލަށް މެދުވެރިން ބާރުއެޅުމަށް ގޮވާލައިފައިވެ އެވެ.
ޣައްޒާގެ ހާން ޔޫނިސްގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ހިންދު ބުނީ މިއަދު ހެނދުނުން ފެށިގެން އެއްވެސް އެހީގެ ޓްރަކެއް ވަންނަތަން ނުފެންނަ ކަމަށެވެ. ހަނގުރާމަ ހުއްޓާލިފަހުން އާންމު ގޮތެއްގައި ކޮންމެ ދުވަހަކު ވެސް މިހާއިރު ވާއިރު އަށެއްކަ ލޮރީ ހާން ޔޫނިސްއަށް އެހީގެ ތަކެއްޗާއިއެކު ވަންނަ ކަމަށް އޭނާ ބުންޏެވެ. ހަނގުރާމަ ހުއްޓާލިފަހުން 600 ޓްރަކް ޣައްޒާއަށް ވަދެފައިވެއެވެ. ނަމަވެސް އެއީ 470 ދުވަހުގެ ހަނގުރާމައަކަށްފަހު ޣައްޒާގެ ރައްޔިތުން ބޭނުންވާ އެހީތަކަށް ބަލާއިރު ވަރަށް މަދު އަދަދެކެވެ.
ޣައްޒާގެ މުޅި އާބާދީ މުޅިން ބަރޯސާ ވާން ޖެހިފައި ވަނީ އެހީގެ ތަކެއްޗަށެވެ. އެގޮތުން ޣައްޒާއަށް އެހީގެ ތަކެތި ވެއްދުން އިސްރާއީލުން ހުއްޓުވިއިރު އެހީގެ ތަކެތި ބަރުކޮށްފައިވާ އެތައް ސަތޭކަ ޓްރަކެއް ޣައްޒާ އާއި މިސްރު ގުޅޭ ބޯޑަރު ސަރަހައްދުގައި ވެސް އެބައޮތެވެ.