ދިރާސާ: އޮފީހުން ލޯބީގެ ގޮތުން ގުޅުމުން ކުރާ އަސަރުތައް، ކިހާ ވަރަަކަށް އާންމު ކަމެއްބާ؟

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮންމެ ދުވަހަކު ގިނަ ވަގުތު އެއްކޮށް އުޅުމުގެ ތެރެއިން އެކަކު އަނެކަކަށް ހިތް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ބައެެއް މީހުން އެ އިހުސާސްތައް ސިއްރުކުރުން އެކަށީގެންވެ އެވެ. ބައެއް މީހުން ސަމާސާއެއްގެ ގޮތުގައި އޮފީސް ކޮލީގްއާއި ’ފްލާޓް‘ ކޮށް ހަދަ އެވެ. ބައެއް މީހުން އެއް އޮފީހުން ދިމާވެގެން ލޯބީގެ ގޮތުން ގުޅޭތަންވެސް ފެނެ އެވެ. އަނެއްބަޔަކު އެހެން މީހުންނަށް ސިއްރުން އޮފީސް ކޮލީގްއާއި ރޮމޭންސް ކުރެ އެވެ. މި ހުރިހާ މިސާލުތަކަކީ ހަމަ ރާއްޖޭގެވެސް ކޮންމެ އޮފީހެއްގެ ތެރޭގައިވެސް އުފެދޭ ’ލަވް ސްޓޯރީ‘ ތަކެކެވެ. އޮފީހުގައި އެކީގައި މަސައްކަތްކުރާ މީހަކާއި ’ފްލާޓް‘ ނުކުރާ މީހުން އުޅޭތޯ އެވެ؟

ރާއްޖެ ކީއްކުރަންތޯ އެވެ. ބޭރު ތަންތަނުގައިވެސް މިއީ އާންމު ކަމެކެވެ. މިކަމުގެ ސަބަބުން މަސައްކަތަށް ބުރޫ އަރާފާނެތީ އެއް އޮފީހަކުން ދެ މީހުން ލޯބީގެ ގޮތުން ގުޅުން މަނާކުރާ ފަހަރުވެސް ހުރެ އެވެ. މިގޮތަށް ބޭރުގެ ބައެއް އޮފީސްތަކުގައި އަމަލުކުރެ އެވެ. އެއް އޮފީހަކުން ދެމީހުން ރައްޓެހިވުން ރާއްޖޭގައި މަނަލެއް ނޫނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރިވެނިއު އެތޯރިޓީ (މީރާ) އާއި ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ވަކި ސަބަބުތަކާއި ގުޅިގެން އެއް ޑިޕާޓްމެންޓުން ދެ މީހުން ލޯބީގެ ގޮތުން ގުޅުން މަނަލެވެ.

މި ލިޔުމުގައި މި ބަލާލަނީ އެމެރިކާގެ މަޝްހޫރު ފޯބްސް އިން ރިއާޔަތްކޮށްފައިވާ ސާވޭއެއްގެ ނަތީޖާއަށެވެ. އެ ސާވޭއިން ދައްކާ ގޮތުގައި 60 އިންސައްތަ މީހުން އޮފީސް ތެރެއިން ލޯބިވެރިން ނުވަތަ ބައިވެރިން ހޯދަ އެވެ. އެހެން ނަމަވެސް، އެއް އޮފީހަކުން ކާމިޔާބު ގުޅުމެއް ބޭއްވޭނީ ވަރަށް މަދު މީހުންނަށެވެ. ފޯބްސްގެ ސާވޭއިން ހޯދިފައިވާ ގޮތުގައި ސާވޭގައި ބައިވެރިވި 43 އިންސައްތަ މީހުންނަށް ކައިވެންޏަކާއި ހަމައަށް ދެވިފައިވެ އެވެ.

ފޯބްސްގެ ދިރާސާއިން ފާހަގަކުރެވުނު މުހިންމު ކަންތައް:

  • އެެއް އޮފީހުން ލޯބިވެރިން ހޯދާފައިވާ މީހުންގެ 57 އިންސައްތަ މީހުންގެ މަސައްކަތުގެ ޕާފޯމެންސްއަށް އަސަރުކޮށްފައިވޭ.
  • 35 އިންސައްތަ މީހުން އޮފީސް ތެރޭގައި ލޯބިވެރިޔެއް ހުންނަކަން ވެރިންނަށް ސިއްރުކުރޭ.
  • 43 އިންސައްތަ މީހުން އެއް އޮފީހުން ދިމާވާ މީހުންނާއި ކައިވެނިކުރޭ.
  • 40 އިންސައްތަ މީހުން ލޯބިވެރިޔާ ނުވަތަ ބައިވެރިޔާއަށް ސިއްރުން އޮފީސް މީހަކާއި ލޯބީގެ ގޮތުން ގުޅިފައިވޭ.
  • 50 އިންސައްތަ މީހުން ކޯ-ވޯކާއާއި ފްލާޓް ކުރޭ.
  • 47 އިންސައްތަ މީހުން ވަނީ ލޯބިވާ މީހަކަށްޓަކައި ވަޒީފާ ބަދަލުކޮށްފައި

އެއް އޮފީހުން މީހުންނާއި ރައްޓެހިވަނީ ކީއްވެބާ؟

އެއް އޮފީހުން މީހުންނާއި އޮންނަ ގުޅުން ލޯތްބަށް ބަދަލުކުރަން ބައެއް މީހުން އިހުތިޔާރުކުރަނީ ތިރީގައިވާ ސަބަބުތަކާއި ގުޅިގެން ނެވެ.

  • އުޅެން ފަސޭހައަށް – ސާވޭގެ 65 އިންސައްތަ ބައިވެރިން
  • ވަގުތު ހޯދަން ފަސޭހަވުން – ސާވޭގެ 61 އިންސައްތަ ބައިވެރިން
  • އެއް އޮފީހެއްގެ މަސައްކަތް ތަޖުރިބާ ކުރާ ދެމީހުންނަށް ވުމުން – ސާވޭގެ 38 އިންސައްތަ ބައިވެރިން
  • ގަޔާވާ ކަންތައްތައް އެއްގޮތްވުމުން – ސާވޭގެ 56 އިންސައްތަ ބައިވެރިން
  • މިޒާޖު އެއްގޮތްވެގެން- ސާވޭގެ 52 އިންސައްތަ ބައިވެރިން
  • ސްޓްރެސްވާ ވަގުތުތަކުގައި ލޯބިވެރިޔާގެ އަސްލު ސިފަ ދެނެގަތުމަށް – ސާވޭގެ 44 އިންސައްތަ ބައިވެރިން
  • މުއާމަލާތް ކުރަން ފަސޭހަވުން – ސާވޭގެ 28 އިންސައްތަ ބައިވެރިން

އޮފީހުން ލޯބީގެ ގޮތުން ގުޅުމުގެ އަސަރަކީ ކޮބާ؟

މަސައްކަތް ކުރާ ތަނުން މީހެއް ދެކެ ލޯބިވުމުން އެކަމުގެ ސަބަބުން އަސަރު ކުރާނީ މަސައްކަތަށް އެކަންޏެއް ނޫނެވެ. އެއް ބަޔަކަށް ލޯބިވާ މީހާ ތާއަބަދު ފެނުމުން އުފާވެރިކަން އިހުސާސްވިޔަސް، އެހެނިހެން ގޮތްގޮތުން މީހާއަށް އޮފީސް ލޯބިވެރިޔެއް ހުރުމުން ސްޓްރެސްވާ ހާލަތްތައް އަތުވެދާނެ އެވެ.

ރުޅިވުމުގެ ބިރުވެރިކަން

ފޯބްސް އިން ކުރި ދިރާސާއިން ދައްކާ ގޮތުގައި އެއް އޮފީހަކުން މީހަކާއި ރައްޓެހިވީމަ، ދެމީހުން ރުޅިވުމުގެ 17 އިންސައްތަ ޗާންސެއް އުފެދެ އެވެ. އެއް ތަނެއްގައި މަސައްކަތް ކުރާ ދެމީހެއްގެ ގުޅުން ނިމުމަކަށް އައިސްފިއްޔާ، އެދެމީހުންގެ ޕްރޮފެޝަނަލް ގުޅުމަށްވެސް އަސަރު ކުރުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން، ތިބާގެ ކޮލީގްދެކެ ލޯބިވުމުން، ހިތްހަމަޖެހުމުގެ އިތުރަށް ބޮޑު ހާސްކަމެއްވެސް އުފެދިގެން ދެ އެވެ.

* ޒާތީ އަދި އޮފީސް ވަގުތު ބެލެންސްވުން- އެއްބައިމީހުންނަށް ވަގުތު ބެލެންސް ކުރުމުގައި މައްސަލައެއް ނެތަސް، ބައެއް މީހުންނަށް އެއް އޮފީހެއްގެ ތެރެއިން ’ޑޭޓް‘ ކުރުން އުނދަގުލެވެ. ސާވޭގައި 26 އިންސައްތަ ބައިވެރިން ވަނީ ދެމީހުންނަށް އެއް ފަހަރާ ޗުއްޓީ ޝެޑިއުލްް ކުރަން އުނދަގޫކަން ފާހަގަކޮށްފަ އެވެ.

* ތަފާތު ކުރުން – އެއް އޮފީހަކުން ދެމީހުން ރައްޓެހިވެއްޖެެއްޔާ އޮފީސް މާހައުލު ތެރޭގައި ހިތް ނުރުހެވޭ ކަންތައްވެސް ދިމާވެދާނެ އެވެ. ފޯބްސް ސާވޭ ބައިވެރިންގެ ތެރެއިން 50 އިންސައްތަ މީހުން ވަނީ އެކީގައި މަސައްކަތްކުރާ މީހަކާއި ރައްޓެހިވުމަށްފަހު އޮފީހުގެ އެހެން މީހުންގެ ފަރާތުން ތަފާތުކުރުން އަމާޒުވާ ކަމަށް ބުނެފަ އެވެ. 50 އިންސައްތަ މީހުން ވަނީ އޮފީސް ތެރޭގައި އެމީހުންނާއި ބެހޭގޮތުން ދެކެވޭ ވާހަކަތައް އިތުރުވިކަން ފާހަގަކޮށްފަ އެވެ. އަދި ހަސަދަވެރިކަން އަމާޒުވާކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.

’ރުޅިވުމުގެ ޕްލޭން‘

މި ސާވޭގެ އެންމެ ހައިރާންވާ ހޯދުމަކީ ’ބްރޭކް އަޕް ކޮންޓިންޖެންސީ ޕްލޭން‘ (ރުޅިވުމަށްފަހު ފަހުން ކަންތައް ކުރަންވީ ގޮތް) އެވެ. ބައެއް މީހުން ވަނީ ’ޕްރީ ނުޕްޝަލް އެގްރީމެންޓް‘ (ކައިވެނިކުރުމުގެ ކުރިން ހަދާ އެއްބަސްވުން) އެއް ހަދާ ގޮތަށް ރުޅިވުމުގެ ކުރިން ކަންތައް ވާނެ ގޮތުގެ ޕްލޭނެއް ކުރީބައިގައި ހަދާފަ އެވެ. ސާވޭގެ 30 އިންސައްތަ ބައިވެރިން ވަނީ ރުޅިވުމަށްފަހު ވަޒީފާއާއި ދޭތެރޭ ކަންތައް ކުރާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

އެހެން މީހުންނަށްވާ އުނދަގޫތައް

* މަސައްކަތުގައި ވަކި މީހެއްގެ މައްޗަށް ބުރަވުމުގެ ޝަކުވާތައް

* އޮފީސް ތެރޭގައި ފެންނަ ’ޑްރާމާތައް‘

* އެހެން މީހުން ކުރިމަތީގައި ’ފްލާޓް‘ ކުރުން

* މަސައްކަތަށް ފަރުވާ ކުޑަވުން

ނޯޓް: މާކެޓް ރިސާޗް ސޮސައިޓީގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މާކެޓް ރިސާޗް ކުންފުނި ވަންޕޯލް އިން ފޯބްސްއަށް ކޮށްދީފައިވާ މި ސާވޭއަކީ ވަޒީފާ އަދާކުރާ އެމެރިކާގެ 2،000 މީހުންނާއި ސުވާލުކޮށްގެން ހިންގި ސާވޭއެކެވެ. މި ސާވޭ ބެލެހެއްޓިފައިވަނީ އެމްއާރުއެސްގެ މެންބަރެއް ކަމަށްވާ އެމެރިކަން އެސޯސިއޭޝަން ފޯ ޕަބްލިކް އޮޕިނިއަން ރިސާޗް (އޭއޭޕީއޯއާރު) ގެ ކޯޕަރޭޓް މެންބަރުކަން އޮންނަ ވަންޕޯލް ރިސާޗް ޓީމުން ނެވެ.

ވައްޓަފާޅި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ