އިނގިރޭސި ޕްރިމިއާ ލީގުގައިި ރޭ ރިކާޑޯ ކަލަފިއޯރީގެ ލަނޑާއެކު އާސެނަލް އިން 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
ޔުނައިޓެޑުން މި ހޫނުމޫސުމުގައި 200 މިލިއަން ޕައުންޑު ހޭދަކޮށް، ޓީމަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އަލަށް ޓީމާ ގުޅުނު މަތެއަސް ކުންޔާ އާއި ބްރަޔަން އެމްބުއޭމޯ ވަނީ ފުރަތަމަ 11 ގައި ހިމަނާފައެވެ. އާސެނަލް އިންވެސް އެ ޓީމާ އަލަށް ގުޅުނު ވިކްޓާ ޔޯކަރޭސް އާއި މާޓިން ޒުބިމެންޑީ ފުރަތަމަ 11 ގައި ހިމަނާފައިވެއެވެ.
މިދިޔަ މަހުގެ ކުރީކޮޅު ޔުނައިޓެޑުގެ ކީޕަރު، އަންޑްރޭ އޮނާނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ހުރީ ކުޅުމާ ދުރުގައެވެ. މިއާއެކު، ރޭގެ މެޗުގައި ޔުނައިޓެޑުގެ ގޯލު ބެލެހެއްޓީ ތުރުކީގެ ކީޕަރު، އަލްޓޭ ބައިންދިރެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޑިފެންޑަރު ކަލަފިއޯރީ އެވެ. ޑެކްލަން ރައިސް ނަގައިދިން ކޯނަރެއް ބައިންދިރަށް ދިފާއު ނުކުރެވިފައިވާއިރު، ކަލަފިއޯރީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް، ޔުނައިޓެދުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، މޮޅު ކުޅުމެއް ކުޅެފައެވެ. އެ ޓީމަށް މަދުވީ ލަނޑެކެވެ. އެގޮތުން، ކުންޔާ އާއި އެމްބުއޭމޯގެ ގިނަ ހަމަލާތަކެއް، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ދިފާއުކޮށްފައެވެ.
ލީގުގެ ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑް ނިކުންނާނީ ފުލަމް އާ ދެކޮޅަށެވެ. އަދި އާސެނަލް ބައްދަލުކުރާނީ ލީޑްސް އާއެވެ.