ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް، ކްލަބް ވެމްކޯ އިން މުބާރާތުގެ ތަށި މިލްކުކޮށްފި އެވެ.
މި މުބާރާތުގެ ފައިނަލަށް ވެމްކޯ ދަތުރުކުރީ ފުރަތަަމ ސެމީ ގައި ޕޮލިސް ބަލިކުރުމަށްފަހު އެވެ. އަދި ޕޮލިސް ފައިނަލަށް ދަތުރުކުރީ ތިންވަނަ ސެމީ ގައި ލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކުރުމަށްފަހު އެވެ. ރޭ ކުޅުނު ފައިނަލް މެޗުން ވެމްކޯ މޮޅުވީ 3-1 ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓުން ވެމްކޯ އިންވަނީ ހަނި ގޮތަކަށް ކުރިހޯދާފަ އެވެ. އެގޮތުން، ފުރަތަމަ ދެ ސެޓުންވެސް ވެމްކޯ ކުރިހޯދީ 25-23 އިންނެވެ.
ތިންވަނަ ސެޓު ފެށިގެން ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. މި ސެޓުގައި ވެމްކޯ ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދިފައިވާއިރު، ޕޮލިހުން ސެޓު ކާމިޔާބުކުރީ 12-25 އިންނެވެ.
ވެމްކޯ އިންވަނީ މެޗުގެ ހަތަރުވަނަ ސެޓުގައި ތަފާތު ދައްކައި، މެޗުން މޮޅުވެފަ އެވެ. އެ ޓީމުން ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 25-16 އިންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވުނީ ވެމްކޯގެ ކެޕްޓަން އައިޝަތު މާޖިދާ (މާޖީ) އާއި، ފާތިމަތު ޖޫޒާން ޒަރީރުގެ އިތުރުން ޕޮލިސް ކުލަބުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އެވެ. 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުގެ އައިޝަތު ނަސްމާ އަހުމަދެވެ. އަދި އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް އެވެ.
ފަހުގެ ތާރީހެއްގައި އަންހެން ވޮލީބޯޅަ ޑޮމިނޭޓް ކުރަމުން އަންނަ ވެމްކޯ އިންވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ތަށިވެސް މިލްކުކޮށްފަ އެވެ.