ޖަރުމަނު ލީގުގައި 5-0 ގެ ނަތީޖާއަކުން ވާޑާ ބްރެމެން ބަލިކޮށް، ބަޔާން މިޔުނިކުން އެ ޓީމުގެ ފުރިހަމަ ރެކޯޑު ދަމަހައްޓައިފި އެވެ.
ބަޔާންގެ ކޯޗު ކަމާ ވިންސެންޓް ކޮމްޕެނީ ހަވާލުވިފަހުން، އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން 20 ލަނޑު ޖަހާފަ އެވެ.
ބްރެމެންގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން، 23 ވަނަ މިނެޓުގައި ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން މައިކަލް އޮލީސޭ ވަނީ ބަޔާނަށް ކުރިހޯދަދީފަ އެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި އޮލީސޭ ދިން ބޯޅައަކުން، ޖަމާލް މުސިއާލާ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފަ އެވެ. މިއާއެކު، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެންވެސް، ބަޔާނުން ކުޅުނީ އިތުރު ލަނޑުތަކެއް ޖެހުމަ ށެވެ. އެގޮތުން، 57 ވަނަ މިނެޓުގައި ކޭން ވަނީ ބަޔާންގެ ތިންވަނަ ލަނޑު ޖަހާފަ އެވެ. އެ ލަނޑު ޖެހުމަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ އޮލީސޭ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އޮލީސޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ބަޔާންގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސާޖް ގްނަބްރީ އެވެ. ފަސް ލަނޑުގެ ލީޑެއް ހޯދުމަށްފަހު، ބަޔާނުން ވަނީ ކޭން އާއި އޮލީސޭ ބަދަލުކޮށްފަ އެވެ.
މި ނަތީޖާއާއެކު، ބަޔާން އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. އެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓު ހޯދާފަ އެވެ.