ޕެނަލްޓީޖަހައިގެން 4-3 ގެ ނަތީޖާއަކުން ސްޓުޓްގާޓް ބަލިކޮށް، ބަޔާ ލެވަކޫސަނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.
ޒަބީ އަލޮންސޯގެ އިރުޝާދާއެކު، ލެވަކޫސަނުން ވަނީ މިދިޔަ ސީޒަނުގައި ބަލިނުވެ 51 މެޗު ފުރިހަމަކޮށްފަ އެވެ. އެ ޓީމު ބަލިވެފައިވަނީ ޔުރޮޕާ ލީގުގެ ފައިނަލުގައި އެޓަލަންޓާ އަތުންނެވެ. ލެވަކޫސަނުން ވަނީ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގާއި ކަޕް ކާމިޔާބުކޮށްފަ އެވެ.
މިދިޔަ ސީޒަނުގެ ޖަރުމަނު ކަޕުގެ ރަނަރަޕް ސްޓުޓްގާޓް އާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފަ އެވެ. ލެވަކޫސަނުން ސުޕަ ކަޕް ކާމިޔާބުކުރީ ޕެނަލްޓީން ކުރިހޯދައިގެނެވެ.
މެޗު ފެށިގެން 11 ވަނަ މިނެޓުގައި ވިކްޓަ ބޮނިފޭސް ވަނީ ލަނޑެއް ޖަހައި، ލެވަކޫސަނަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން އެންޒޯ މިލޮޓް ވަނީ ލަނޑެއް ޖަހައި، ސްޓުޓްގާޓަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ލެވަކޫސަނަށް އިތުރު މައްސަލަތައް ދިމާވީ، މެޗުގެ 37 ވަނަ މިނެޓުގައި މާޓިން ޓެރިއާ އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދައްކާފައިވަނީ ސްޓުޓްގާޓްގެ އެރްމެޑިން ޑެމިރޯވިޗަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެނެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގެ 63 ވަނަ މިނެޓުގައި ސްޓުޓްގާޓަށް ލީޑު ނަގައިދިނީ ޑެނިސް އުންޑާވް އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ލެވަކޫސަނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕެޓްރިކް ޝިކް އެވެ. މިދިޔަ ސީޒަނުގައިވެސް ލެވަކޫސަން މަޝްހޫރު ވެފައިވަނީ ފަހުވަގުތު ލަނޑު ޖަހާ ޓީމެއްގެ ގޮތުގަ އެވެ.
ލެވަކޫސަނުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފަ އެވެ. ސްޓުޓްގާޓުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ތިން ޕެނަލްޓީ އެވެ. އެ ޓީމުގެ ފެލިކްސް ކްރަޓްޒިގް އާއި ސިލަސް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ.
މިއީ މި ދެ ޓީމުވެސް ސުޕަ ކަޕުގައި ކުޅުނު ދެވަނަ ފަހަރެވެ. ސްޓުޓްގާޓުން ވަނީ 1992 ވަނަ އަހަރުގެ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އެއާ ޖެހުނު އަހަރު ލެވަކޫސަން ވަނީ ބަލިވެފަ އެވެ. މިއީ ލެވަކޫސަންގެ ތާރީހުގައި އެ ޓީމަށް ލިބުނު ފަސްވަނަ ތަށްޓެވެ. އޭގެ ތެރެއިން ތިން ތަށި ހޯދީ ޒަބީ އަލޮންސޯގެ އިރުޝާރުގެ ދަށުންނެވެ.