އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އިޒްރޭލުގެ ޕާސްޕޯޓުގައި އަނެއްކާވެސް ރާއްޖެއަށް އެތެރެވެވޭނެ ގޮތް ހަދާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޛާކިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. މެންބަރު މައުރޫފް ޛާކިރު ކުއްލި މައްސަލައެއް ހުށަހެޅުއްވީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރިއަށްދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާ މޫވްމަންޓަށް އިސްރާއިލުން ހުރަސްއަޅަމުންދާ ދިއުން ކުށްވެރިކޮށް، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
މި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އިޒްރޭލާ ދެކޮޅަށް ދުނިޔެއިންވެސް ފާހަގަކުރެވޭފަދަ ފިޔަވަޅެއް އެޅީ ރާއްޖެއިން މިސަރުކާރުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެއްވެސް މީހަކަށް ނާދެވޭނެ ގޮތަށް ހަދާފައިވާކަން ފާހަގަކުރައްވާ ފަލާހު ވަނީ ރައީސް އަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު ދެއްވާލީ އިޒްރޭލާ ދެކޮޅަށް ރަނގަޅު ފިޔަވަޅެއް ނާޅާ ކަމަށާއި އަދި މަޖިލީހުގައިވެސް އޭރު ރަނގަޅު މަސައްކަތެއް ކޮށްފައި ނުވާކަމަށާއި އަދި އިޒްރޭލުގެ ޕާސްޕޯޓްވެސް މަނާކުރަން އޭރު ނުކެރުނު ކަމަށް ފަލާހު ފާހަގަކުރެއްވި އެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އިޒްރޭލުގެ ޕާސްޕޯޓުގައި އަނެއްކާވެސް ރާއްޖެއަށް އެތެރެވެވޭނެ ގޮތް ހަދާނެ ކަމަށެވެ.
”އެމްޑީޕީއަށް ޒަމާނެއްގެ ކޮޅުންވެސް ވެރިކަން ލިބިއްޖެކަމަށްވަންޏާ، އަޅުގަނޑުމެން މި މަނާކުރި [އިޒްރޭލުގެ] ޕާސްޕޯޓު، އިޒްރޭލުގެ ރައްޔިތުންނަށް ހުއްދަދީ އަދި އަލުން ދިވެހިރާއްޖޭގެ ބީޗުތަކުގައި، މޫދުގައި ފީނުމުގެ ހުއްދަ އިޒްރޭލު ރައްޔިތުންނަށް ދޭނެ.“ ފަލާހު ވިދާޅުވި އެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ އެމްޑީޕީން ޖަހާ ސަކަރާތުގައި ޖެހިގެން އެ އަވައިގައި ނޫން ކަމަށެވެ.
ފަލާހު ވިދާޅުވީ ދިވެހި ސަރުކާރު އަދި މަޖިލިސް އޮންނާނީ ފަލަސްތީނުގެ ހައްގުގައި ކުރެވެން އޮތް ކޮންމެ މަސައްކަތެއްވެސް ކުރަން ތައްޔާރަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިޒްރޭލު ޕާސްޕޯޓް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު



