ހއ. ކެލާގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ކެލާގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފައިވާ ކަމަށެވެ.
އައިޑީ ކާޑާއި ޕާސްޕޯޓްގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
އިމިގްރޭޝަނުން ބުނީ، މިހާތަނަށް ޖުމްލަ 11 އަތޮޅަކަށް މި ހިދުމަތް ފުޅާކުރެވިފައިވާ ކަމަށެވެ. މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ހިދުމަތް މިހާރު ދެމުން ގެންދެ އެވެ.
ސަރުކާރުން މި ހިދުމަތް ފުޅާކުރަމުން ގެންދަނީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްސަދުގަ އެވެ.
މީގެ އިތުރުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.



